twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެހެން އަހަރަތަކާ ހިލާފަށް މިއަހަރު ރާއްޖެއަށް ހޫނުގަދަ ވާނެ

ޚަދީޖާ އާދަމް
Mar 9, 2020
1

މި އަހަރުގެ ހޫނު މޫސުނުގައި ރާއްޖެއަށް އެހެން އަހަރުތަކަށް ވުރެ ހޫނު ގަދަ ވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ މާޗު މަސް ފެށުނު އިރު ވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ ރާއްޖޭގައި އާންމުކޮށް ފިނިހޫނުމިން ހުންނަ ވަރަށް ވުރެ 0.5 ދަރަޖަ މަތީގައި ކަމަށެވެ.

މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްތަކުގައި ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ މިދުވަސްވަރުގެ އެވްރެޖު ހޫނުމިނަށް ވުރެ މަތީގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ މޭ މަހުގެ މެދެއްހާތަނުގައި، ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުން ކަމަށް މެޓުން ބުންޏެވެ.

އެހެންކަމުން ދުނިޔޭގެ ފިނިހޫނުމިނަށް ބަލާއިރު ވެސް މިފަހުގެ އަހަރުތަކަކީ، ހޫނުގަދަ އަހަރުތަކެއް ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށާއި، މިއީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ ވަނީ މާޗު މަހާއި އޭޕްރީލް މަހު އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑަށް ހޫނުވި ކަމަށް ރެކޯޑު ކުރެވިފައި ވަނީ 19 މެއި 1991 ގައި ކައްދޫގައި ހުންނަ މެޓް އޮފީހުންނެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން 36.8 ޑިގްރީއަށް އަރާފައިވެ އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ދަށް ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 11 އެޕްރީލް 1978 ގަ އެވެ. އެދުވަހު ރާއްޖޭގެ ފިނިހޫނުމިން 17.2 ޑިގްރީއަށް ވެއްޓިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355