ކޮރޯނާވައިރަސް އަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ބިދޭސީ ދެ މީހުންގެ ހަށިގަނޑަށް އެ ވައިރަސް އެރި ސަބަބު ކަމަށް ބެލެވޭ އިޓަލީގެ ފަތުރުވެރިޔާގެ ހާލަތު ކަމާ ބެހޭ ރަސްމީ ފަރާތްތަކަށް ނޭންގީ ކީއްވެގެންތޯ ބަލައި، އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ފުލުހުންގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެ ޓޫރިސްޓު މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކަން އެންގީ އެނބުރި ގައުމަށް ދިއުމަށް ފަހު އެވެ. އަދި ބަލިވެ ހުއްޓާ އޭނާ ރާއްޖޭން ފޮނުވައިލީ ރިސޯޓުގެ މެނޭޖްމަންޓުން ގަސްދުގައި ތޯ ނުވަތަ އޮޅިގެންތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން ވެސް މިހާރު އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.
ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރުނީ ބައެއްގެ އިހުމާލުން ކަމަށް ބެލެވޭ ތުހުމަތުތައް ހޯދައި، ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ، ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު އިޓަލީ މީހާގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާއީ އެއްވެސް ކުށެއް ހިމެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ. އިން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން ފުލުހުންނަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ކުރެއްދޫ މިހާރު އޮތީ 1،300 އަށް ވުރެ ގިނަ މީހުންނާ އެކު ކަރަންޓީންކޮށްފަ އެވެ. އޭގެ ތެރޭގައި 699 ޓޫރިސްޓުން ހިމެނެ އެވެ. ދެން އުޅެނީ 270 ދިވެހި މުވައްޒަފުންނާއި، އިމާރާތްކުރުމުގެ މަސައްކަތަށް ގޮސް ތިބި އެހެން ކުންފުންޏެއްގެ ބިދޭސީންނާ އެކު 420 ބިދޭސީ މުވައްޒަފުންނެވެ.
ކުރެއްދޫ ރިސޯޓްގެ ބޭރު ޑޮކްޓަރުގެ ކިބައިން ވެސް ފެންނަން ފެށީ ކޮރޯނާވައިރަސް އިން ޖައްސާ ކޮވިޑް-19 ބަލީގެ އަސަރުތައް ކަމަށް ލަފާކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މައްސަލަ ގެނައީ، އިޓަލީގެ ދަތުރުވެރިޔާ އެނބުރި އިޓަލީއަށް ގޮސް، ކޮރޯނާވައިރަސް އަށް ޕޮޒިޓްވުމުން، އެކަން ދިވެހި ސަރުކާރަށް އެންގުމާ އެކު އެވެ.
އިޓަލީ އަކީ ކޮރޯނާވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުން އަންނަ ގައުމަށް ވުމާ އެކު އިޓަލީގެ ޓޫރިސްޓަކު ހުން އައިސް ބަލިވެ އުޅުނު ވަގުތު އެކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމުގެ ގެއްލުން މުޅި ރިސޯޓްގެ އިތުރުން ރާއްޖެ އަށް ވެސް މި ވަނީ ކުރިމަތިވެފަ އެވެ.