twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިތުރު ދެމީހަކު ވައިރަހަށް ޕޮޒިޓިވް ވެއްޖެ

ޚަދީޖާ އާދަމް
Mar 9, 2020

ކޮރޯނާ ވައިރަހަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ދާދި ދެންމެ އަކު ހާމަކޮށްފި އެވެ. މިއާއެކު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިވަނީ ހައަކަށް އަރައިފަ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި، ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މީހެއް ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މަބްރޫކު ވިދާޅުވީ އެންމެ ފަހުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ މައުލޫމާތު އެޗްޕީއޭ މެދުވެރިކޮށް ދެވޭނެ ކަމަށެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

އެއަށްފަހު ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ.

އަދި ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

އިޓަލީ މީހާ މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355