ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދިއުމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖެއަށް މީހުން އެތެރެވާ ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.
އެގޮތުން ރާއްޖެ ބޭރުން އަންނަ ކޮންމެ މީހަކަށްވެސް ދެން ރާއްޖެއަށް އެތެރެވެވޭނީ އެމީހެއްގެ 14ދުވަހުގެ ޓްރެވަލް ހިސްޓްރީ ހުށައެޅުމަށްފަހު އެވެ.
ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ މިހާރު ރާއްޖެ އެތެރެވެވޭނި އިމިގްރޭޝަނުންދޭ ހެލްތް ޑިކްލަރޭޝަން ކާޑެއް ފުރައިގެންކަމަށެވެ.
މި ކާޑުގައި އެމީހަކު އެންމެ ފަހުން ދިޔަ ޤައުމުތަކުގެ މަޢުލޫމާތުތައް ލިޔަން ޖެހޭނެކަމަށާއި މިކަން ބަލަނީ ވައިރަހުގެ ރިސްކް ބޮޑު ޒޯނަކަށް ގޮސްފައި ހުރިތޯ ބެލުމަށް ކަމަށް ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވަނީ ވިދާޅުވި އެވެ. އަދި މިފަދަ ތާކަށް ގޮސްފައިވާނަމަ އިތުރަށް ބަލާނަން ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުންވެސް އެއަރޕޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްވަނީ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ތަރމަލް ކެމެރާ ބޭނުންކުރުމުގެ އިތުރަށްވެސް ޓެސްޓު ކުރެވޭނެގޮތްތައް އެއަރޕޯޓްތަކުގައިވަނީ ހަމަޖައްސާފައެވެ.
އެގޮތުން އެއަރޕޯޓްތަކާއި ސީޕޯޓުގައި ތާމަލް ކެމެރާ ބަހައްޓައިގެން ދަނީ އަންނަ މީހުން ސްކްރީން ކުރަމުންނެވެ.