ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ބާތިލުވާ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ބާތިލު ވޯޓު ގިނަވާނެ ކަމަށް ބެލެވޭތީ އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ.
އެ ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ރޮޒައިނާ ވިދާޅުވެފައި ވަނީ ވޯޓު ކަރުދާސް ކޮޅުތަކުގައި އެއް ކަރުދާހެއްގައި އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ވޯޓުލާ ހާލަތެއްގައި އެއް ވޯޓު ބާތިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާތިލުވެދާނެ ހާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ގާނޫނު ބައްޓަންކުރުމެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއްގެ ގޮތުގައި ކަނޑައަޅަން ޖެހެ އެވެ.
ރޮޒައިނާ ހުށަހެޅުއްވީ އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓް ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓް ކަރުދާހުގައި އިތުރަށް ވޯޓް ލެވިފައި އޮންނަ ބައި ކަމަށެވެ.
ރޮޒައިނާ ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ، ޖަލްސާއަށް ހާޒިރުވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ޖަލްސާގައި އެ އިސްލާހުގެ އިބްތިދާއީ ބަހުސް ފަށާއި މުޅި މަޖިލީހުގެ ކޮމީޓން ބިލު ދިރާސާކޮށް، ބިލުގެ ހުރިހާ ކަމެއް ވަނީ ނިންމައިފަ އެވެ.
ބިލުގެ ހުރިހާ ކަމެއް އެއް ދުވަހުން ނިންމާލާފައި ވާއިރު އެއީ ބޭނުންތެރި އިސްލާހެއް ކަމަށާއި އެ އިސްލާހު ވީހާވެސް އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.