އަންނަ މަހު ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ލަސްކުރަން ޖެހޭ ފަދަ ހާލަތެއް އަދި އައިސްފައި ނުވާ ކަމަށާއި އެއްވެސް އިންތިހާބެއް ލަސްކުރުމުގެ ގާނޫނީ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ގައުމީ ލަފާދޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ
އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނެވޭނީ ކޯޓުން ކަމަށެވެ. އަދި އިންތިހާބު ލަސް ކުރަން ޖެހޭފަދަ ހާލަތެއް އޮތް ކަމަށް ކޮމިޝަންގެ އެއްވެސް މެންބަރަކު ގަބޫލެއް ނުކުރައްވަ އެވެ.
އިންތިހާބު ލަސްކުރަން ޖެހިއްޖެ ނަމަ ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެގޮތުން އިންތިހާބަށް ކަނޑައެޅި ބަޖެޓްގެ ތިންބައިކުޅަ އެއްބައި ހަރަދު ކޮށްފައިވާ ކަން ޝަރީފް ވިދާޅުވި އެވެ. އަދި އިންތިހާބު ފަސްކޮށްފި ނަމަ އިތުރަށް 25 އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ބޭނުންވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާއިރު، އެ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
.
ކޮރޯނާ ވައިރަސް މިހާތަނަށް ފެނިފައިވަނީ ރިސޯޓުތަކުން ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ ސަރުކާރުން ލޮކްޑައުން ކުރާ ރިސޯޓެއްގައި ފޮށި ބެހެއްޓުމާއި މެދު ނުވަތަ އެތަނަކަށް ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމާއި ގުޅޭ ގޮތުން އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ.
އިންތިހާބު ލަސް ކުރަން ޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިސީން ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅޭނެ ކަމަށާއި ނަމަވެސް އެފަދަ ހާލަތެއް އަދި ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.