ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިވަގުތު ކިޔަވައިދޭ ތަންތަން ބަންދު ކުރުން ރައްކާތެރި ކަމަށް އިރުޝާދި ދީފައިވާތީ މަންދު ކޮލެޖުގެ ކެމްޕަހުގައި ކުރިއަށްގެންދާ ކްލާސްތައް ހުއްޓާލާ ކްލާސްތައް ވާރޗުއަލްކޮށް ކުރިއަށް ގެންދިއުމަށް އެ ކޮލެޖުން ނިންމައިފި އެވެ.
އެ ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ވަގުތު ކޮވިޑް-19 ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތަރުހީބު ދިނުމާއެކު ގައުމީ މިފަދަ ކަންކަމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ މުހިއްމުކަން ފާހަގަ ކުރާކަމަށާއި، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ހުށައަޅުއްވާ އެއްކަމަކީ މީހުން ތަންތަނަށް އެއްވެ އުޅުން މަދުކުރުމަށާއި، ގައިގޯޅިވުން ދުރުކުރުން ކަމަށެވެ.
އެގޮތުން އެކޮލެޖުން ބުނީ ކްލާސްތައް ވާރޗުއަލް ކެމްޕަހަށް ބަދަލުކުރުމަށް ނިންމާފައިވީ ނަމަވެސް އެއްވެސް ކުލާހެއް މެދު ނުކެނޑި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެކަމަށާއި މަންދު ކޮލެޖުގެ ވާރޗުއަލް ޕްލެޓްފޯމްގައި ހިދުމަތް ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި މަތީ ތައުލީމުގެ މަރުކަޒުތަކަށް ބޭނުން ކުރެވޭނެ އިންތިޒާމްވެސް ކުރިވިފައިވާނެ ކަމަށެވެ.
ގައުމުގެ ހާލަތު އިތުރަށް ގޯސްވިނަމަވެސް ލެކްޗަރާއިންނަށްވެސް ކެމްޕަހަށް ހާޒިރުނުވެ ކްލާސްތައް ނަގައިދެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށާއި އަދި ކޮލެޖުގެ ހިދުމަތް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކަށް ކޮލެޖަށް ހާޒިރުނުވެ ހިދުމަތްތައް ހޯދުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ކޮލެޖުގެ އަމާޒަކީ މި އުނދަގޫ ދަނޑިވަޅުގައިވެސް ކޮލެޖުގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި އޮމާންކަމާއެކު ކުރިއަށް ގެންދިއުންކަމަށާއި އަދި ދަރިވަރުންނަށް ދޭ ހިދުމަތްތަށް ބުރުލެއް ނާރާ ކުރިއަށް ގެންދެވޭނެގޮތް ފަހިކޮށްދިނުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ،