ކޮވިޑް-19 އާއި ގުޅިގެން އަރާ ފޭބުން މަނާކުރި ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީސް ބަތަލާ އަދި ކުރަމަތި މޯލްޑިވްސް ލޮކްޑައުން އުވާލައިފި އެވެ.
އެރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން އެގްޒިޓް ސްކްރީން ކުރާނެކަމަށާއި މީގެ އިތުރުން މިބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި މިބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ޞިއްޙީ މުވައްޒަފަކު ރިސޯޓްގައި ހަރަކާތްތެރިވަމުން ދާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ މި ތިން ރިސޯޓަށް އަރާ ފޭބުން ހުޅުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް މި ބަލި ފެނުމުގެ ފުރުޞަޠު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމް އެ ރިސޯޓްތަކުގައި ހަމަޖައްސާފައިވާކަމަށެވެ.
އަދި މިގޮތުން އެކަހެރިކޮށްފައިވާ ފަރާތްތައް ޢަމަލުކުރާނެ ގޮތާ ބެހޭގޮތުން އެކުލަވާލައިފައިވާ އުސޫލުތަކާއި ޕްރޮސީޖަރތަކާ އެއްގޮތަށް އެ މީހުން ޢަމަލު ކުރަމުންދޭތޯ ރިސޯޓްގެ މެނޭޖްމަންޓުން ބަލާ ކަށަވަރު ކުރަމުންދާނެކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.
ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވި ދެ ބިދޭސީންނާއެކު ރާއްޖެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8 އަރާފައެވެ. މި 8 މީހުންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނެވެ.
އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި ބައްޔަށް ޕޮޒިޓިވެފައިވަނި ކުރެއްދޫގެ ހަތަރު މީހަކާއި ބަތަލާގެ ދެ މީހަކާއި ކުރަމަތި ރިސޯޓްގެ ދެ މީހެކެވެ. ކޯވިޑް-19 އާއި ގުޅިގެން ފަރުކޮޅުފުށީ އައިސޮލޭޝަންގައި 15 މީހުން ތިބިއިރު، ވިލިވަރު ކަރަންޓީން ފެސިލިޓީގައި 13 މީހުން އެބަ ތިއްބެވެ.
މިބައްޔަށް ޝައްކުކުރެވިގެން 80 ސާމްޕަލްއެއް ނަގާފައިވެއެވެ. މީގެތެރެއިން 71 ސާމްޕަލްވަނީ ނެގެޓިވްކަމަށް ދައްކާއިރު ނަތިޖާ ނުލިބޭ 6 މީހަކު އެބަ ތިއްބެވެ.