twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޮވިޑް-19: ހޮނިހިރު ބާޒާރު ބާއްވަން ވަކި އިންތިޒާމުތަކެއް ހަމަޖައްސަނީ

އަބްދުލް ވާހިދު ޙަސަން
Mar 12, 2020

އުތުރުގެ ދަނޑުވެރިން އުފައްދާ ކާބޯތަކެތި ވިއްކުމަށް ކުޅުދުއްފުށީގައި އޮންނަ "ހޮނިހިރު ބާޒާރު" އަންނަ ހޮނިހިރު ދުވަހު ވަކި އިންތިޒާމުތަކެއްގެ ދަށުން އޮންނާނެކަމަށް ކުޅުދުއްފުށީ ޓާސްކް ފޯސްއިން ބުނެފި އެވެ.

ކޮވިޑް-19 ގެ ކުޅުދުއްފުށީ ޓާސްކް ފޯސްގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ހޮނިހިރު ބާޒާރު ބޭއްވުމާ ގުޅޭ ގޮތުންނެވެ. ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ އިސްފަރާތްތައް ބައިވެރިކޮށް އެކުލަވާލާފައިވާ މި ޓާސްކް ފޯސްއިން ނިންމީ ހޮނިހިރު ބާޒާރު ވަކި އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްގެންދަންށެވެ.

ގިނަ ބަޔަކު އެއްވެ ޒަރޫރީ ކާބޯތަކެތި ވިއްކާ މި ބާޒާރު މަނާކޮށްފިނަމަ އެތަކެއް ރައްޔިތުންނަށް ދަތިތައްކުރިމަތިވެދާނެކަމަށް ބަލައި މި ބާޒާރު ބާއްވަން ނިންމީ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްފަހު އެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު ކޭއޯއަށް ވިދާޅުވީ، ވަކި ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ހޮނިހިރު ބާޒާރު ބާއްވަން ޓާސްކް ފޯސްއިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ބާޒާރު އޮންނަ ސަރަހައްދުގައި ވިޔަފާރިކުރަން ތިބޭއިރު މީހުން ބޮޑަށް މަސްހުނި ނުވާނެގޮތަކަށް އިންތިޒާމުތައް ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ޓާސްކް ފޯސްއިން ދޭ ލަފާގެ މަތިން ކައުންސިލުން އަމަލުކޮށް، ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށެވެ. އެގޮތުން ބާޒާރު އޮންނަ ސަރަހައްދުގައި މީހުން ވަކިން ތަކެތި ވިއްކަން ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

އެގޮތަށް އެސަރަހައްދުގައި ބަހާލުމުން އެތަނުން ޖާގަ ނުލިބޭ ފަރާތްތަކަށް ވަގުތީގޮތުން ހިލޭ ލޯކަލް މާރުކޭޓް ހަމަޖައްސައިދޭނެކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އަދި މީގެ އިތުރުން އެސަރަހައްދުގައި އެކި ހިސާބުތަކުގައި ވަކި ދުރުމިނެއްގައި ޓެންޓް ބަހައްޓައިގެން ދަނޑުވެރިންނަށް ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭތޯވެސް މަޝްވަރާކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށިން ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެ ނަމަ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށި ސަރަހައްދީ ބަނދަރުގައި ހުންނަ ގެސްޓްހައުސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355