ކޮވިޑް-19 ގެ އަލާމާތް ހުރި ކަމަށް ޓޫރިސްޓުންނަށް ޝައްކު ކުރެވޭތީ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން އެހެން ރިސޯޓުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ލިސްޓުގައި ހިމަނައިފި އެވެ.
އެޗްޕީއޭއިން ރޭ ބުނީ ބަނޑޮހުގެ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެނުމުން އެ މީހާގެ ސާމްޕަލް ޓެސްޓް ކުރުމަށްޓަކައި ނަގާފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު ހުރީ ހޯމް އައިސޮލޭޝަން ގައި ކަމަށާއި އެ ރިސޯޓު އޮތީ މޮނިޓަރިން ހާލަތުގައި ކަމުން ރިސޯޓަށް އަރާ ފޭބުން ވަނީ ވަގުތީގޮތުން ބަންދު ކޮށްފަ އެވެ.
ވައިރަހުގެ އަލާމާތްތައް ހުރި މީހުން ފެނިގެން ބަނޑޮހުގެ އިތުރުން ރޭ އަލަށް މޮނިޓަރިން ލިސްޓުގައި ހިމަނާފައި ވަނީ އޮޅުވެލި ބީޗާއި މީރު އައިލެންޑާއި ޝެރެޓަން މޯލްޑިވްސް ފުލްމޫން އެވެ. މީގެ ތެރެއިން އޮޅުވެލި ބީޗުން ވައިރަހުގެ އަލާމާތްތައް ހުރި ކަމަށް ބެލެވެނީ ދެ ބިދޭސީއެއްގެ ގައިގަ އެވެ. އެހެން ރިސޯޓުތަކުން ޝައްކު ކުރެވެނީ އެކަކަށެވެ. މި އެންމެން މިހާރު ތިބީ ހޯމް އައިސޮލޭޝަންގަ އެވެ.
ރާއްޖެ އިން މި ވައިރަހަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވާއިރު އެ އެންމެންނަކީ ބިދޭސީން ނާއި ޓޫރިސްޓުންނެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އަދި ޝައްކު ކުރެވޭ ކޭސްތަކެއް ފެނުމާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ހުރި އެހެން ރިސޯޓުތަކުގެ މުވައްޒަފުން އެ ރިސޯޓުތަކުން ފޭބުން އެޗްޕީއޭ އިން ރެއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
ރާއްޖެއިން މި ވައިރަސް ފެނުމާއި ގުޅިގެން ދާދި ފަހުން ވަނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފަ އެވެ.