ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި އެހެން ރަށްރަށުން ރިސޯޓުތަކަށް ދަތުރުކުރުން ހުއްޓާލުމަށް އަންގައިފި އެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ހަވީރު ހަޔަކުން ފެށިގެން ރާއްޖޭގެ އެއްވެސް ރިސޯޓަކުން އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ރަށަކަށް ދިޔުމާއި ރާއްޖޭގެ އެއްވެސް ރަށަކުން އެއްވެސް މީހަކު ރާއްޖޭގެ ރިސޯޓަކަށް ދިޔުން ދެ ހަފްތާ އަށް މެދުކަނޑާލަން އަންގާ ކަމަށެވެ.
މި ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖެ އަށް ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކޮށްފަ އެވެ.
އަދި މާލެ ސަރަހައްދުގެ ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާކޮށް ދެ ހަފްތާ އަށް ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދު ކުރަންވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ވަނީ އަންގާފަ އެވެ. ސްކޫލު ތަކުގެ ޗުއްޓީވެސް ވަނީ އެއް ހަފްތާއަށް އިތުރުކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ މި ނުރައްކާތެރި ވައިރަހަށް މިހާތަނަށް ރާއްޖެއިން 10 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.