ޗައިނާގެ މައިދޮރުން ނިކުމެގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ބިރުވެރިކަން އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖެއަށް ވެސް މިހާރު މިވަނީ ކުރިމަތި ވެފަ އެވެ.
ރާއްޖޭގެ ސަރުކާރާއި ރައްޔިތުން މި ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ރަށް ރަށުން އެ ރަށް ރަށަށް އަރާ ފައިބާ މީހުންގެ ދަފްތަރެއް އަންނަނީ އެކުލަވާލަމުންނެވެ. ވަރަށްވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެއީ މި ބަލި މިހާތަނަށް ފެނިފައިވަނީ ރިސޯޓް ތަކާއި ސަފާރީ ތަކުގައި މަސައްކަތް ކުރާ ބިދޭސީންނާއި ޓުއަރިސްޓްގެ ގައިންނެވެ.
އެހެން ކަމުން ރިސޯޓް ތަކުގައި މަސައްކަތް ކުރާ ފަރާތް ތަކުން މި ބަލި ރަށްރަށް އައުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ސަރުކާރުން ވަނީ ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް އައުން 14 ދުވަހަށް މަނާކޮށްފަ އެވެ. އެކަމަކު ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ބައެއް ރަށްރަށުގައި އަންނަނީ ބަނދަރުމަތީގައި ޑެސްކް ބަހައްޓައިގެން ރަށަށް އަރާ މީހުން މޮނީޓަރ ކޮށް ޓެމްޕަރޭޗަރ ބަލަމުންނެވެ.
އެގޮތުން ހދ. މަކުނުދޫގައި އުފައްދާފައިވާ ކޮވިޑް-19 ޓާސްކް ފޯސްއިން އެދިފައިވަނީ އެ ރަށަށް ލަފާ ފުރާ އުޅަނދު ފަހަރާއި ޒިޔާރަތްކުރާ ފަރާތްތަކުގެ މައުލޫމާތު 30 މިނެޓް ކުރިން އެ ޓާސްކްފޯސް އަށް އެންގުމަށެވެ. އަދި ހދ. ނޮޅިވަރަމް ހެލްތް ސެންޓަރުގެ ފަރާތުން އެރަށަށް އަރާ ފައިބާ ފަރާތްތައް އަންނަނީ މޮނީޓަރ ކުރެވެމުންނެވެ.
ހއ. ހޯރަފުށީ ހެލްތް ސެންޓަރާއި އެ ރަށުގައި އެކުލަވާލައިފައިވާ ޓާސްކް ފޯސް އިންވެސް ވަނީ އެރަށަށް ލަފާ ފުރާ އުޅަނދު ފަހަރު އެ ރަށުގެ ހެލްތް ސެންޓަރަށް އެންގުމަށް އެދިފަ އެވެ. އަދި ލަފާ ފުރާ މީހުން އަންނަނީ މޮނީޓަރ ކުރަމުންނެވެ.
ރާއްޖެއިން މިހާރު މިހާތަނަށް މި ވައިރަސްއަށް 13 މީހުން ޕޮޒިޓިވް ވެފައިވާއިރު އެ އެންމެންނަކީވެސް ބިދޭސީން ނެވެ.