twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް: ޞިއްޙީ ނުރައްކަލުގެ ޙާލަތު - އެޗްޕީއޭއަށް ލިބިގެންވާ ބާރުތައް

Mar 19, 2020

ކޮވިޑް 19 އާ ވިދިގެން ދިވެހިރާއްޖެ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ވާތީ، އެޗް.ޕީ.އޭ އިން ހަރަކާތްތެރިވަމުން ދަނީ ދިވެހިރާއްޖޭގެ ޤާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، އެ ފަރާތުގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމަށެވެ. އެޗް.ޕީ.އޭ އަކީ ދިވެހިރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމާއި، ދުޅަހެޔޮކަން ފުރިހަމަކަމާއެކު ދެމެހެއްޓުމާއި، މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ އުފުލައި، އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވުމަށް އުފައްދާފައިވާ އޭޖެންސީއެކެވެ.

ޞިއްޙީ ނުރައްކަލުގެ ޙާލަތުގައި އެޗް.ޕީ.އޭ އަށް ލިބިގެންވާ ބާރުތަކާއި، އަދި އެ ބާރުތައް ތަންފީޛު ކުރެވޭނެ ގޮތްތަކަށް ބަލާލަމާތޯއެވެ.

އެޗް.ޕީ.އޭ އަށް ލިބިދޭ ބާރުތައް

އަޅުގަނޑުމެންގެ ދިވެހިރާއްޖެއިން ފެންނަމުންދާ ބަލިމަޑުކަން، އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ޢަމަލީގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް، އެންމެ އިސް ދައުރެއް އަދާކުރަން ޤާނޫނުން ލާޒިމްކުރަނީ އެޗް.ޕީ.އޭއަށެވެ. އެގޮތުން މި މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލް ކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރުވެސް ޤާނޫނުންވަނީ އެޗް.ޕީ.އޭ އަށް ފޯރުކޮށްދީފައެވެ.

އެޗް.ޕީ.އޭ އަށް ލިބިދޭ ބާރުތަކުގެ ދަށުން، ވަކި ޢިމާރާތެއް އެކުގައި ބަންދުކުރުމާއި، ޢިމާރާތަށް ވަދެ ނުކުމެވުން ހުއްޓުވުމަށް، ނުވަތަ އެ ޢިމާރާތުން ބައެއް ބަންދުކުރުމަށް އެޗް.ޕީ.އޭ އަށް އަމުރު ކުރެވިދާނެއެވެ. މީގެ އިތުރުން އިމާރާތަކުން ނުވަތަ ތަނަކުން ދެމުންގެންދާ ޚިދުމަތެއް، ނުވަތަ ކުރަމުންދާ މަސައްކަތެއް މެދުކަނޑާލުމަށް އަމުރުކުރުމުގެ ބާރުވެސް ހިމެނޭނެއެވެ.

މިސާލަކަށް، ބަލި ކޮންޓްރޯލް ކުރުމަށް ވަގުތީ ގޮތުން ގެސްޓްހައުސް ހިންގުން މެދުކަނޑާލުމަށް، ނުވަތަ ވަކި ރަށަކަށް އަރާ ފޭބުން ހުއްޓުމަށް އަންގާ އެންގުމަކީ، މި ބާރުތަކަށް ފެތޭނެކަމެކެވެ. މިފަދަ ޙާލަތެއްގައި ބަލި ޖެހިފައިވާ މީހާ، ނުވަތަ ޖެހިފައިވާކަމަށް ޝައްކުރެވޭ މީހާ ކަރަންޓީނު ކުރުމަށް، ނުވަތަ އެކަހެރި ކުރުމަށް، ނުވަތަ ހޮސްޕިޓަލެއްގެ ބެލުމުގެ ދަށަށް ގެންދިއުމަށް އެންގުމުގެ ބާރަކީވެސް، އެޗް.ޕީ.އޭ އަށް ލިބިގެންވާ ބާރެކެވެ.

އެޗް.ޕީ.އޭ އަށް ލިބިދޭ ބާރުތައް ތަންފީޛުކުރުން

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިނަމަ، ކޯޓު އަމުރެއްނެތި މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ ޢާންމު ތަނަކަށް ވަނުމުގެ ހުއްދަ އެޗް.ޕީ.އޭ އަށް ވަނީ ޤާނޫން ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ވަގުތަށާއި، ޙާލަތަށާއި، ކަމުގެ ކުޑަބޮޑުމިނަށް ބަލާ، މީހެއްގެ މިނިވަންކަމަށް ނުވަތަ ޙައްޤަށް ހަނިކަމެއް ގެންނަންޖެހޭ މިންވަރަށް އެ ހަނިކަމެއް ގެނައުމަށްފަހު، އެ ބާރު އެޗް.ޕީ.އޭ ތަންފީޛު ކުރެވޭނެއެވެ. މިފަދަ ބާރުތައް ތަންފީޛު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެޗް.ޕީ.އޭއަށް ލިބިގެންވެއެވެ.

އެޗް.ޕީ.އޭގެ އެންގުންތަކަށް ބޯލަބަންޖެހޭ ފަރާތްތައް

އެޗް.ޕީ.އޭ އިން އަންގާ އެންގުމަކީ، ވަކި ފަރާތަކަށް ނުވަތަ އެންމެންގެ މައްޗަށް ކޮށްފައިވާ އަމުރެއްނަމަ، އެ އެންގުމުގައި ބަޔާންކޮށްފައިވާ ކަންކަންކުރުމުގެ ޒިންމާ އުފުލަންޖެހޭނީ، އެ އެންގުމެއް ނިސްބަތްވާ ފަރާތަކުންނެވެ. މިފަދަ އެންގުންތަކަށް އެފަރާތެއް ތަބާވޭތޯ ބެލުމަކީ، އެ ތަނެއް ނިސްބަތްވާ ކައުންސިލުގެ މައްޗަށް ލާޒިމުކަމެކެވެ. ޞިއްޙީ އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތަކަށް، މީހެއް ނުވަތަ ކުއްޖެއްގެ ކިބައިން ބަލީގެ ޢަލާމާތެއް ފެނި ޝައްކުވާނަމަ، ލަސްނުކޮށް އެޗް.ޕީ.އޭ އަށް އެންގުމަކީ އެ ފަރާތެއްގެ ޒިންމާއެކެވެ.

ކޯޓު އަމުރަކަށް އެޗް.ޕީ.އޭ އަށް އެދެވޭނެ ޙާލަތްތައް

އެޗް.ޕީ.އޭ އިން އަންގާ އަމުރަކަށް، ނުވަތަ އެންގުމަށް ޢަމަލު ނުކުރާނަމަ، ނުވަތަ ހުރަސްއަޅާނަމަ އެޗް.ޕީ.އޭ އަށް ކޯޓު އަމުރަކަށް އެދުމުގެ ޙައްޤު ލިބިގެންވެއެވެ. މިސާލަކަށް، ބަލީގެ ޢަލާމާތެއް ފެނިފައިވާ މީހަކު ކަރަންޓީނު ކުރުމަށް، ނުވަތަ ޑޮކްޓަރަށް ދެއްކުމަށް ހުރަސްއަޅާނަމަ، އެކަން ތަންފީޛު ކުރުމަށްޓަކައި ކޯޓު އަމުރަކަށް އެދެވޭނެއެވެ. ޤާނޫނީ ގޮތުން އެފަދަ ޢަމަލެއްކުރާ މީހަކާ ދެކޮޅަށް ދަޢުވާ ކުރުމުގެ ފުރުޞަތު މިހާރު އެޗް.ޕީ.އޭ އަށް ލިބިގެންވެއެވެ. އެގޮތުން އެޗް.ޕީ.އޭ އިން އެފަރާތަކާއި ދެކޮޅަށް އެޅިފައިވާ ފިޔަވަޅު އެނގޭނެ ލިޔުމަކާއެކު،ު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ. އެ މައްސަލައާއި ގުޅިގެން ކޯޓުން ނެރޭ އަމުރު ތަންފީޛު ވެފައިވާކަން ކޯޓަށް ހުށަހެޅުމާއި ހަމައަށް، ނުވަތަ އަމުރުގެ މުއްދަތު ހަމަވުމާ ހަމައަށް، އެމީހަކާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގެ ޤަޟިއްޔާ ދެމިގެންދާނެއެވެ.

މީގެ އިތުރުން އެޗް.ޕީ.އޭ އިން އަންގާ އެންގުންތަކާއި ދެކޮޅުހަދައި، އެއްބާރުލުން ނުދީ ޚިލާފުވުމަކީ ޤާނޫނީ ކުށަކަށްވެފައި، އެ ކުށް ކުރި ފަރާތެއް 5,000/-ރ އަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެޗް.ޕީ.އޭ އަށް ލިބިގެންވެއެވެ.

ނިންމުން

އެޗްޕީ.އޭގެ އަމުރުތަކަށް ކޮންމެ މީހަކުވެސް އިޙްތިރާމް ކުރަންވާނެއެވެ. އެޗް.ޕީ.އޭ އިން އަންގާ އެންގުންތަކަށް ބޯލަނބަންވެސް ވާނެއެވެ. ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވެފައިވާ ޙާލަތެއްގައި، އެޗް.ޕީ.އޭ އިން އަންގާ އެންގުންތަކާ އެއްގޮތްވާގޮތުގެ މަތިން، ފަރުދީ އަދި ޖަމާޢީ ޒިންމާ އަދާކުރަމާތޯއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އެޑިޓޯރިއަލް ނޯޓް: އަލްއުސްތާޛާ ޞަބްރިޔަތު ޙުސެއިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިންކަން އިތުރު ކުރުމުގެ މަޤުސަދުގައި ނަޝީދު އެންޑް ކޯ އުތުރު ބުރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ގާނޫނީ ލަފާކަމުގައި ނުބެއްލެއްވުން އެދެމެވެ. ދިމާވާ ވަކި ގާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަށްކަށްވާނީ، އެކަމަކަށް ވަކިން ގާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355