ކުޅުދުއްފުށި ސިޓީ: އިޓަލީގެ ފަތުރުވެރިންތަކެއް ގޮވައިގެން އުޅުނު ޑައިވިންގ ދޯންޏެއްގައި ތިބި ތިން މީހަކު ސެލްފް އައިސޮލޭޓްކޮށްފި އެވެ. މި ދޯނީގައި ތިބީ ދެ ބިދޭސީންއަކާއި ދިވެއްސެއްކެވެ.
މި ދޯނި ކުޅުދުއްފުށި ބަނދަރުގައި އޮތްއިރު އެ ތިން މީހުންވެސް ސެލްފް އައިލޮސޭޓް ކޮށްފައިތިބީ އެ ދޯނިގައިކަމަށް ކުޅުދުއްފުށީގައި އުފައްދާފައިވާ ކޮވިޑް-19 ޓާސްކް ފޯސް އިން ކޭއޯއަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޓާސްކްފޯސްގެ ފަރާތުން ހަދީޖާ ހަސަން ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ މީހުންނަށް ސެލްފް އައިސޮލޭޝަންއަށް ދާން އެންގީ ވައިރަހުގެ އެއްވެސް އަލާމާތެއް ހުރެގެން ނޫން ކަމަށެވެ. އެކަމަކު އެ މީހުން އެންމެ ފަހުން އުޅެފައިވަނީ އިޓަލީގެ ފަތުރުވެރިންތަކަކާއެކު ކަމަށްވާތީ އެވެ.
އެމީހުން ދޯނީގައި އައިސޮލޭޝަންގައި ތިބޭއިރު އެ މީހުންގެ އަމަލުތައް ގާތުން ބަލައި މޮނިޓަރ ކުރެވެމުންދާނެ ކަމަށާއި ޓާސްކް ފޯސް އިން އަންގާފައިވާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ ޓާސްކް ފޯސްގެ ބެލުމުގައި ދަށުގައި ހުރި އައިސޮލޭޝަން ފެސިލިޓީއަށް ގެންދާނެ ކަމަށެވެ.
ހަދީޖާ ވިދާޅުވީ، އެ މީހުން އިޓަލީގެ ފަތުރުވެރިންތަކެއް ގޮވައިގެން އެންމެ ފަހުން އުޅެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާ ސެލްފް އައިސޮލޭޝަންގައި އެ މީހުން ތިބޭނީ 14 ދުވަސް ވަންދެން ކަމަށެވެ. އަދި ކަމެއް ބޭނުންވެއްޖެނަމަ ގުޅުމަށް ފޯކަލް ޕޮއިންޓްތަކުގެ ނަންބަރު އެ މީހުންނަށް ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މި ޑައިވިންގ ދޯނި ރޭގައި ކުޅުދުއްފުއްޓަށް ވަދެފައިވަނީ 11 ޖަހާއެހާއިރު އެވެ. އަދި އޭގައި ހުރި ދިވެހި މީހާ ވަނީ ޓެކްސީއެއް ނަގައިގެން އޭނާގެ ގެޔަށްވެސް ގޮސްފަ އެވެ. އެކަމަކު އޭގައި ތިބި ދެ މީހުން ތިބީ ދޯނީގައި އެވެ.
ދޯނި ބަނދަރުކުރުމުން އާންމުގެ ބަޔަކު ވަނީ ޓާސްކް ފޯސްއަށް ގުޅައި ރިޕޯޓްކޮށްފަ އެވެ. ޓާސްކް ފޯސްއަށް އެތަނަށް އާދެވުނުއިރު އޭގައި ހުރި ދިވެހި މީހާ ފައިބައިގެން ޓެކްސީއެއްގައި ވަނީ އޭނާގެ ގެޔަށްވެސް ގޮސްފަ އެވެ. ޓާސްކް ފޯސްއިން ރޭ އޭނާގެ ގެޔަށްގޮސް ސެލްފް އައިސޮލޭޝަންއަށްދާ އެންގި އެވެ. އެކަމަކު މިއަދު ހެނދުނު އޭނާގެ އާއިލާ މީހުންނާއެކު އުޅޭކަމުގެ މައުލޫމާތު ޓާސްކް ފޯސްއަށް ލިބިގެން ފުލުހުންނާއެކު ގެޔަށްގޮސް، އޭނާ ވަނީ ދޯނީގައި ދެން ތިބި ދެ މީހުންނާއެކު ސެލްފް އައިސޮލޭޓްކޮށްފަ އެވެ.
14 ދުވަހުގެ ސެލްފް އައިސޮލޭޝަންގައި އެ މީހުން ތިބޭއިރު އެއްގޮތަކަށްވެސް ދޯނިން ނުފައިބަން ވަނީ އަންގާފަ އެވެ. ސަފާރީތަކާއި ފަތުރުވެރިންނާ ކޮންޓެކްޓްވެފައި ތިބޭ ފަރާތްތަކުން ރަށްރަށަށް އެރުން މަނާކޮށްފައިވަނިކޮށް ޓާސްކް ފޯސްއަށް ރިޕޯޓްނުކޮށް މީހުން ދިރިއުޅޭ ރަށަކަށް ގޮސް، ދިރިއުޅޭ ގެޔަށް ދިޔުމުން އެއްވެސް ފިޔަވަޅެއް އަޅާނެ ތޯ ސުވާލުކުރުމުން ހަދީޖާ ވިދާޅުވީ، އެންގުންތަކަށް އަމަލުނުކުރާކަމަށްވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.