ކުޅުދުއްފުށި ސިޓީގައި އަޅާ ޒަމާނީ ފެންވަރުގެ އިންޖީނުގެ އެޅުމަށް 15 މިލިއަންވުރެއް ގިނަ ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ފެނަކަ އޮފީހުގައި މިކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޖީނުގެ އެޅުމަށް ހަވާލުކުރީ އުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ އެވެ. މި އިންޖީނުގެ ޑިޒައިންކުރީވެސް ހަވާލުކޮށްފައިވާނީ ހަމަ މި ކުންފުންޏާ އެވެ.
މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދެވެ. އުނި އިންޖިނިއަރިންގ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އޮފް ޕްރޮޖެކްޓް މުހައްމަދު އައިމަން އެވެ.
330 ދުވަސްތެރޭހައި މި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު މި މަޝްރޫއުއަށް 15،755،760.90 ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ކޭއޯއަށް މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ އިމާރާތެއް ކަމަށެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެޑައިގަންނަވާފަ އެވެ.
އިންޖީނުގެ އަޅަން ހަވާލުކުރިއިރު ފެނަކަ އިން ނިންމާފައިވަނީ ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ. އަދި މިއަހަރުތެރޭގައި އިތުރު ބޮޑެތި ޖަނަރޭޓަރުތަކެއް ގެންނަ ހަމަޖެހިފައިވާއިރު މިހާރު ހުރި ޖަނަރޭޓަރުތައް ބޭނުންކުރަމުންދަނީ ވަރަށް ދުވަސްވީ އިމާރާތެއްގައި ކަން ފާހަގަކުރެވެ އެވެ.