twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށް އެއްބާރުލުން ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: ކުޅުދުއްފުށީ ކައުންސިލް

Mar 20, 2020

ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދާއިރު އެ މަސައްކަތަށް އެއްބާރުލުން ނުދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުދީފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީގައި އުޅޭ ބިދޭސީންގެ ދަފްތަރު އެ އިދާރާއިން ބަލަހައްޓަމުންދާއިރު އަދިވެސް އެ އިދާރާގައި ރަޖިސްޓްރީނުކޮށް ބައެއް ފަރާތްތަކުން ބިދޭސީން ގެންގުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

" ކޮވިޑް-19 އާ ގުޅިގެން ރަށުގައި ދިރިއުޅޭ ބިދޭސީންނާ އެ މީހުން ދިރިއުޅޭ ތަންތަނާއި އަދި އެ ފަރާތްތަކާއި ހަވާލުވެ ހުރި ފަރާތްތަކުގެ ސައްހަ މައުލޫމާތު ކަމާގުޅުން ހުރި އިދާރާތަކަށް އެނގުން ވަރަށް މުހިންމުކަމުގައި ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާ އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްއިން ވަނީ އިރުޝާދު ދީފަ އެވެ."

ކައުންސިލުން ބުނީ މިފަދަ މައުލޫމާތުތަކީ ބިދޭސީ މަސައްކަތްތެރިއެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެ ފަރާތް ކަރަންޓީނު ކުރުމަށާއި އެހީ ފޯރުކޮށްދިނުމަށް އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށް ނުހަނު މުހިންމު މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ ބިދޭސީންގެ ދަފުތަރު އަދާހަމަކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ކައުންސިލުން ކުރަމުންދާ ކަމަށް އެފަރާތުން ބުނެފައިވެ އެވެ.

އަދި އެހެންކަމުން މުޖުތަމައުގެ އެންމެންގެ ރަށްކަލަށްޓަކާ ބިދޭސީ މަސައްކަތްތެރިން ގެންފުޅޭ ފަރާތްތަކުން ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް ކައުންސިލުން ފަށާފައިވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ. އެކަމާ ގުޅޭ މައުލޫމާތު ކައުންސިލްގެ ވެޓްސައިޓުން ލިބެން ހުންނާނެކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް 9531312 ނަމްބަރަށް ގުޅުވުމުން ސާފުކުރެއްވުން އެދޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355