ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ހޯދުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަން ނިންމައިފި އެވެ.
ވިޑް-19 އިމަޖެންސީ ރެސްޕޮންސް ޓީމަށް އެހީތެރިވުމަށް ނޭޕާލުން ފުރަތަމަ ޓީމް މިރޭ އެ ގައުމުގެ ގަޑިން 9:00 ގައި ފުރާނެ އެވެ. ދެ ވަނަ ޓީމް މާދަމާ އަންނާނެ ކަމަށް ވެ އެވެ.
ނޭޕާލުގައި މިހާރު ކިޔަވަން ތިބި ޑޮކްޓަރުންގެ ތެރެއިން، ޑޮކްޓަރުކަމުގެ ލައިސަންސް އޮތް އަދި ސްޕެޝަލައިޒްވުމަށް މިހާރު ކިޔަވާ 40 އަށްވުރެ ގިނަ ޑޮކްޓަރުން އެބަ ތިއްބެވެ. އަދި މެޑިސިން ކިޔަވައި ނިންމައި އިންޓާންޝިޕް ހަދާ ދަރިވަރުން ވެސް ހިމެނެ އެވެ.
ސަރުކާރުގެ ހަރަދުގައި ގެންނަނީ އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުން ދަރިވަރުން އެކަންޏެވެ.
ހެލްތު މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި، ބޭރުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ އެހެން ދާއިރާތަކުގެ މަސައްކަތްތެރިން ގުޅުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ކުރިން ވިދާޅުވީ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ އެ ބަލި ފެތުރޭ މިިންވަރު ލަސްކުރުން ކަމަށެވެ. އެކަމުގައި މިހާރު ވަޒީފާގައި ތިބި އަދި ސިއްހީ ދާއިރާއިން ދުރަށް ޖެހިފައި ތިބި މީހުން ވެސް ނުކުތުމަށް ގޮވާލެއްވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމަށް ނޭޕާލްގައި ކިޔަވާ ދަރިވަރުން ގެންނަން ނިންމިއިރު، އެކަމަށް ބޭރުގެ ގައުމުތަކުގައި ތިބި ދިވެހި ހުރިހާ ސިއްހީ ފަންނުވެރިން އެހީތެރިވުމަށްވެސް މިނިސްޓަރު އެދިލެއްވި އެވެ.