twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކޮވިޑް-19 ގެ ތޫފާނުގެ ވިލާތައް އަންނަނީ ރާއްޖެއާ ދިމާލަށް ދަތުރުކުރަމުން، ސަމާލުވޭ: ޑރ މުހައްމަދު

ޚަދީޖާ އާދަމް
Mar 24, 2020

މުޅި ދުނިޔޭގައި މިހާރު ވަރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން ކަމަށާއި ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސްކުރައްވައިފި އެވެ.

ޑޮކްޓަރު މުހައްމަދު އަލީ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މުހައްމަދު އަލީ މިހާރުވެސް ހަރަކާތްތެރިވަމުންދަނީ ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމުގައި އެވެ.

މީގެ އިތުރުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބުދުﷲ ނިޔާފުވެސް މިއަދު ވަނީ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށް ޓުވީޓު ކުރައްވާފަ އެވެ.

ޑރ ނިޔާފުގެ ޓުވީޓުގައި ވިދާޅުވީ ދުނިޔޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު މިހާތަނަށް ތިން ލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު އެ އަދަދު 100،000 އަށް އެރީ 67 ދުވަހުން ކަމަށެވެ. 200،000 އަށް އަރަން ނެގީ އިތުރު 11 ދުވަސް ކަމަށާއި 300،000 އަށް އަރަން ނެގީ އެންމެ ހަތަރު ދުވަސް ކަމަށެވެ.

ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް މި ދުވަސްވަރު ނުނިކުތުމަށް ސަރުކާރުންނާއި ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރަމުންނެވެ. އަދި ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރުން އަންނަނީ މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ފަސް މީހުން ވަނީ މުޅިން ރަނގަޅުވެފަ އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެތިން ހަފްތާއަކީ މިބަލި އެންމެ ޕީކްވާނެ ދުވަސްތައް ކަމަށް ބެލެވޭތީ އެންމެންވެސް ފަރުވާ ކުޑަ ނުކުރުމަށް ސަރުކާރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355