twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ވަޒީފާއިން ވަކިކުރީތަ؟

Mar 26, 2020

ތިމާ ވަޒީފާ އަދާކުރަމުންދާ ތަނުގެ މާލީ ޙާލަތު ގޯސްވެގެން، ނުވަތަ ތަނުގައި އޮތް ވަޒީފާގެ މަޤާމު އުވާލުމުގެ ސަބަބުން، ވަޒީފާ ގެއްލުނީތޯއެވެ. އިނގިރޭސިބަހުން ބުނާނަމަ، ތިމާ ވަޒީފާއިން "ރިޑަންޑަންޓް" ކުރީތޯއެވެ. މީހަކު އަދާކުރަމުންދާ ވަޒީފާ ގެއްލުމަކީ، ކޮންމެ މީހަކަށްވެސް މާލީ ގޮތުންނާއި، ނަފްސާނީ ގޮތުން އެތައް ގެއްލުންތަކެއް ކުރިމަތިވާނެ ކަމެކެވެ. މިއަދު ރާއްޖެއަށާއި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އިޤްތިޞާދުތައް ހުއްޓުމަކަށް ދާއިރު، ވަޒީފާއިން ވަކިކޮށް، ރިޑަންޑަންޓްކުރާ ވާހަކަ އެއީ ގިނައިން އިވޭ ވާހަކައެކެވެ. ވުމާއިއެކު ވަޒީފާއިން ރިޑަންޑަންޓް ކުރުމަށް އޮންނަ އުސޫލަށް ބަލާލަމާތޯއެވެ.

ރިޑަންޑަންޓް ކުރުން

ތިމާ ވަޒީފާ އަދާކުރަމުންދާ ތަނެއްގައި، އެތަނެއްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެނެވޭ ބަދަލެއްގެ ސަބަބުން، ބައެއް މަޤާމުތައް އުވާލަންޖެހޭ ޙާލަތު ކުރިމަތިވެދާނެއެވެ. ނުވަތަ އެތަނަކަށް ދިމާވި މާލީ ދަތިތަކާހުރެ މުވައްޒަފުންގެ މަސައްކަތާއި އެހެނިހެން ކަންތައްތަކަށް ރިޢާޔަތް ކުރުމަށްފަހު، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަޖުބޫރުވާ ޙާލަތްތައްވެސް މެދުވެރިވެދާނެއެވެ. މިފަދަ ޙާލަތްތަކުގައި ވަޒީފާއިން ވަކިކުރުމަކީ، ރިޑަންޑަންޓް ކުރުމެވެ.

ނަމަވެސް މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރެވޭނީ، އަދި އެކަންކުރީ ރަނގަޅު ގޮތުގައިކަމަށް ބެލެވޭނީ، ދެކަމެއް ފުރިހަމަވެގެންނެވެ. އެއީ ރިޑަންޑަންޓް ކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުމާއި، ރިޑަންޑަންޓް ކުރުމުގައި ކަންކުރިގޮތް އިންސާފުވެރިވުމެވެ. މިދެކަންތައް ފުރިހަމަކުރިކަން ސާބިތު ކޮށްދިނުމަކީ، ވަޒީފާ ދިން ފަރާތުގެ ޒިންމާއެކެވެ.

ރިޑަންޑަންޓް ކުރުމަށް ޤާނޫނީ ހުރަހެއް ނެތް

ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނުގައި، ރިޑަންޑަންޓްކުރުމާ ބެހޭގޮތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައެއްނުވެއެވެ. ހަމައެކަނި ޤާނޫނަށް ބަލާނަމަ، އެކަމެއް ކުރެވޭނެގޮތެއް ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ. އެއީ، ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނު ދަންނަކަމެއް ނޫނެވެ.

އެހެންނަމަވެސް ރިޑަންޑަންޓް ކުރުމަކީ، ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ހިނގާކަމެކެވެ. ރާއްޖޭގެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި، އެކި މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކުން އެނގޭގޮތުގައި މިއީ، ކޯޓުތަކުން ބަލައިގަނެފައިވާ ކަމެކެވެ. ރިޑަންޑަންޓް ކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ރިޑަންޑަންޓް ކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށް ކޯޓުތަކުން ޤަބޫލުކުރާކަން ކޯޓުތަކުގެ ނިންމުންތަކުން ދޭހަވެއެވެ.

މީގެ އިތުރަށް، ރިޑަންޑަންޓްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ހިފަހައްޓަންޖެހޭ ހަމަތައްވެސް ކޯޓުތަކުން ކަނޑައަޅައިދީފައި އެބަހުއްޓެވެ.

ކޯޓުތަކުން ކަނޑައަޅާފައިވާ ޓެސްޓުތަކުގައި މައިގަނޑު އިސްކަމެއްދީފައި އޮންނަނީ، ރިޑަންޑަންޓްކުރުން އެކަށީގެންވާ ޙާލަތްތަކުގައިވެސް، މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމަށެވެ. މިގޮތުން، މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރެވޭނީ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫއީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުއެވެ.

މަޢުޟޫއީ ޢަދުލުވެރިކަން

މަޢުޟޫއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި، އަދި އެކަށީގެންވާ ސަބަބަކަށްވުމެވެ. މިގޮތުން މަޢުޟޫއީ ޢަދުލުވެރިކަން ޤާއިމުކުރެވުނުކަމަށް ބެލެވޭނީ ކުންފުނި ރީސްޓްރަކްޗަރކޮށް، މުވައްޒަފުން ރިޑަންޑަންޓްކުރަން ނިންމި ނިންމުމަކީ، ޙަޤީޤަތުގައިވެސް ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ސަބަބުތަކަށްޓަކައި، ތެދުނިޔަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކަށް ވާނަމައެވެ.

އިޖުރާއީ ޢަދުލުވެރިކަން

އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކުރުމުގައި، ޢަމަލުކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ. އަދި އެނިޒާމު ހިންގުމުގައި ހުރިހާ ޙާލަތެއްގައިވެސް ހާމަކަމާއި، އިތުބާރު އޮންނާނެ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްފައިވުމެވެ. މިގޮތުން އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިފައިވާކަމަށް ބެލޭނީ، ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން މުވައްޒަފުން ވަކިކުރަންޖެހިފައިވާކަން ދުރާލާ މުވައްޒަފުންނަށް އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަކިކުރުމުގައި ޢަމަލުކުރެވޭނެ އުސޫލު ދުރާލައި މުވައްޒަފުންނަށް އަންގާފައިވާނަމައެވެ. މީގެ އިތުރުން، ވަޒީފާއާއި ބެހޭ ޤާނޫނުގެދަށުން ދޭންޖެހޭ ނޯޓިސް، ނުވަތަ ނޯޓިހުގެ ބަދަލުގައި ދޭންޖެހޭ ފައިސާ ދީފައިވުމާއި، މި އުސޫލުގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް ލިބިދޭ ވަކި ޚާއްސަ ޢިނާޔަތްތަކެއް ކަނޑައެޅިފައިވާނަމަ، އެކަން މުވައްޒަފުންނަށް ދުރާލައި އަންގާފައިވާނަމައެވެ.

ވަޒީފާދޭ ފަރާތްތަކުން އިތުރަށް ބަލަންޖެހޭ ކަންކަން

މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫއީ، އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ އިތުރަށް ވަޒީފާދޭ ފަރާތްތަކުން އިތުރު ކަންތައްތަކަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން ވަކިކުރެވޭ ފަރާތްތައް އަދާކުރަމުންއައި ވަޒީފާއަކީ، އިތުރު އެހެން މީހަކަށް އަދާކުރެވޭނެ ވަޒީފާއެއްތޯއާއި، ވަކިކުރެވޭ މުވައްޒަފުން ވަކިކުރަން ކަނޑައެޅުނުގޮތް އެކަށީގެންވޭތޯއާއި، ދޫކޮށްލެވޭ މުވައްޒަފުންނަށް އަލުން އެހެން ވަޒީފާއެއް ދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވުނުތޯ، މިއީ ވަޒީފާ ދޭ ފަރާތްތަކުން ބަލަންޖެހޭ ކަންތައްތަކެވެ. މިކަންކަން ފުރިހަމަ ކުރެވިފައިވުމަކީ، ވަޒީފާދޭ ފަރާތަށް ޤާނޫނީ ގޮތުން އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމެކެވެ.

ޤާނޫނީ ޙައްލު

މީހަކު ވަޒީފާ އަދާކުރާ ތަނުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާނަމަ، އެމީހަކަށް އެ ވަޒީފާ އަނބުރާދީ، ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން އަލުން ވަޒީފާ ރުޖޫޢަކުރެވޭ ތާރީޚުގެ ނިޔަލަށް ވަޒީފާ އަދާކުރުންމަތީ ދެމިހުރިނަމަ، ޙައްޤުވާނެ މުސާރައާއި އިނާޔަތްތައް ވަޒިފާއިން ވަކިކުރެވުނު ފަރާތަށް ހޯދުމަށް މަސައްކަތްކުރުމުގެ ޙައްޤު ވަޒީފާއިން ވަކިކުރެވުނު ފަރާތަށް ލިބިގެންވެއެވެ.

ނިންމުން

ޤާނޫނާ ޚިލާފަށް މުވައްޒަފަކު ވަކިކުރުމުން، އެމައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިގެންދިއުމަކީ، އެއްވެސް ފަރާތަކުން އެދޭނެކަމެއް ނޫނެވެ. ވީމާ ރިޑަންޑަންޓް ކުރަންޖެހޭ ޙާލަތްތަކުގައި، އެކަންކުރުމަށް އޮންނަ އިޖުރާއަތްތަކާއި، އުސޫލުތަކާއި އެއްގޮތަށް ވަޒީފާދޭ ފަރާތުން ޢަމަލުކުރުމަކީ، ދެ ފަރާތަށްވެސް ލިބިދާނެ އިތުރު ގެއްލުންތަކަކުން ސަލާމަތްވާނެ ކަމެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355