ކޮރޯނާވައިރަހަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 19،000 ޓެސްޓް ކިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮރޯނާވައިރަހުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 19،000 ޓެސްޓް ކިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މިވަގުތު 3،000 އަށް ވުރެ ގިނަ ޓެސްޓު ކިޓް އެބަހުުރި ކަމަށެވެ.
އިތުރު 5،000 ކިޓް ހަދިޔާ ކުރާނެކަމުގެ ޔަގީންކަން ޑަބްލިއުއެޗްއޯއިން ދީފައިވާއިރު ޗައިނާގެ ވިޔަފާރިވެރިޔާ ޖެކް މާ ރާއްޖެއަށް 10،000 ކިޓް ހަދިޔާ ކުރައްވާނެކަންވެސް އިއުލާންކޮށްފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން ޗައިނާގެ ސަރުކާރުން ވެސް 10،000 ކިޓް ހަދިޔާ ކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ޓެސްތުތައް ހެދީ އިންޑިއާ އަށް ފޮނުވައިގެންނެވެ. ނަމަވެސް ނަތީޖާ ލިބުމުގައި ލަސްވާތީ އެ ދަތިތައް ފިލުވުމަށް ޑަބްލިއުއެޗްއޯގެ އެހީގައި އައިޖީއެމްއެޗުގައި ޓެސްޓު ކުރެވޭނެ އިންތިޒާމު ފަހުން ހަމަޖެއްސި އެވެ.