twitterviber whatsapp telegramfacebookyoutube instagram
20th May 2025

އޮންލައިންކޮށް މަޖިލިސް ފަށައިފި

Mar 30, 2020

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް ވެބް ކޮންފެރެންސް މެދުވެރިކޮށް އޮންލައިންކޮށް ފަށައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާ މިއަދު ފަށައިގެން ކުރިއަށް ގެންދަނީ މައިކްރޮސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. އެ ވެބް ކޮންފެރެންސް ޗެނަލްގައި 92 ބައިވެރިން ހިމެނެ އެވެ. އެއީ މަޖިލީހުގައި ތިއްބަވާ 87 މެންބަރުންނާއި، މަޖިލީހުގެ އަމީންއާންމު، ކައުންސިލަ ޖެނެރަލް، ސާޖަންޓް އޮފް އާމްސް، އަދި މަސައްކަތާ ގުޅޭ އިދާރީ ދެ މުވައްޒަފުން ހިމެނޭ ގޮތަށެވެ.

ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލިން ރައްކާތެރި ވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދިޔަ ހަފުތާ މެދުކަނޑާލި ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް މުހިއްމު ކަމުގައިވާތީ

ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފެރެންސް މެދުވެރިކޮށް އެންމެ ފުރަތަމަ ބާއްވާފައި މި ވަނީ ވެސް ރާއްޖޭންނެވެ. ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ވެސް ވަނީ އެ ކަން ރިޕޯޓްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އޮންލައިންކޮށް ފެށިއިރު، ވެބް ކޮންފެރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ ގޮތުގެ އުސޫލެއް ވެސް މަޖިލީހުން ކަނޑައެޅި އެވެ. މި ގޮތުން ބިލުތަކުގެ ބަހުސްގައި ވާހަކަ ދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގަތުމަށާއި ނިޒާމީ މައްސަލައެއް ފާހަގަ ކުރެއްވުމަށް މެންބަރުން އެދިވަޑައިގަންނަވާނީ ޗެޓް މެދުވެރިކޮށެވެ.

ފާސްކުރަން ޖެހޭ ކަންކަމުގައި ވޯޓަށް އަހާނީ ހާޒިރުވެ ތިއްބެވި ފަހަރަކު މެންބަރަކަށެވެ. ރިޔާސަތުން މެންބަރުގެ ނަން ގޮވާލުމުން، އެ މެންބަރަކު ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވާ ގޮތަށެވެ. އެއީ އެ ކަމެއް ފާސްކުރަން "ފެނޭ" ނުވަތަ "ނުފެނޭ" ވިދާޅުވާ ގޮތަށެވެ.

ބޭރުގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ހުރިހާ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ މަޖިލީހުގެ މެންބަރުން ވެސް އެ ހަލާތުގައި ތިއްބެވި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355