އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.
އުރީދޫއިން ބުނީ ހިލޭ ޑޭޓާ ދިނުމަށް ނިންމީ ކޮވިޑް-19 އާއި ގުޅިގެން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައިވާތީ މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ ގައިދުރުކަން ބަހައްޓާ ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެފައިވާ އެދިލެއްވުމަކަށްވެސް އުރީދޫން ބުނެއެވެ.
މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުމެވެ. މިގޮތުން، ނަންގަވާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.
ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެއެވެ. މި އެލަވަންސްއަކީ ކޮވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ހާއްސަ އޮފާރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން ވެސް ކޮވިޑް-19 އާ ގުޅިގެން އިތުރު މަސައްކަތްތަކެއް ސަރުކާރުގެ އެދުމުގެ މަތިން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެގޮތުން ޓާސްކް ފޯސް ސެންޓަރުތަކަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެކަހެރިކުރާ ނުވަތަ ކަރަންޓީންކުރާ މީހުންނަށް ވެސް ހިލޭ އިންޓަނެޓް ދިނުމުގެ މަސައްކަތާއި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ޚާއްސަ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.