ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރާ މީހުންގެ ތެރެއިން ގއ އަތޮޅުގެ ތިން ރަށެއްގެ މީހުންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ނިންމަވައިފި އެވެ.
މުހުތާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑް-19ގެ ހާދިސާ އާއި ގުޅިގެން ގއ. ދާންދޫ އާއި ގއ. ނިލަންދޫ އަދި ގއ. މާމެންދޫގެ އެއްވެސް ރައްޔިތަކު ގަވާއިދާ ހިލާފަށް ވަޒީފާއިން ވަކިކޮށްފި ނަމަ އެ މީހަކަށް އޭނާ ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކަން ކުރަނީ ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް މުހުތާޒްގެ ޓްވީޓްގައިވެ އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ވެސް ދާދިފަހުން ވަނީ ކޮވިޑް-19 އާ ގުޅިގެން ގާނޫނާ ހިލާފަށް ބައެއް މުވައްޒަފުންނާ މެދު އަމަލުކުރާ ކަން ފާހަގަ ކުރެވޭ ކަމަށާއި އެފަދަ ކަންކަން އެ އޮތޯރިޓީއަށް ރިޕޯޓް ކުރަން ވެސް އެދިފަ އެވެ.
މި ބަލިމަޑުކަމާއި ގުޅިގެން ވިޔަފާރި އާއި ވަޒީފާތައް ހިމާޔަތް ކުރަން ސަރުކާރުން ވަނީ 2.5 ބިިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖެއް އިއުލާންކޮށްފަ އެވެ. އެ ޕެކޭޖްގެ ދަށުން އެހީ ދިނުމުގައި މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ދޭ ފަރާތްތަކަށް ބަލާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މި ވައިރަސްއަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވި ނަމަވެސް އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ.