twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގާނޫނީ ކޮލަމް: އާލަމީ ބަލިމަޑުކަމުގައިވެސް ޑަކްޓަރުންނާއި ނަރުހުންނަށް ބަންދެއް ނުވޭ!؟

Apr 2, 2020
3

ރެއާއި ދުވާލު މެދުކެނޑުމެއްނެތި، މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި އެބައެއްގެ ޞިއްޙަތަށް އަދި އެކަމުގައި ހުރި ނުރައްކާތެރިކަމަށް ބެލުމެއްނެތި އެންމެ ކުރީ ސަފުގައި ހަރަކާތްތެރި ވަމުންދަނީ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނެވެ. މިފަދަ ދުވަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ޞިއްޙީ ޙިދުމަތްތެރިންގެ ޙައްޤުތަކާއި، އަދި ޒިންމާތަކަށް ބަދަލުތަކެއް އައިސްފާވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކުރެވި، އަދި ގިނަ ޕްރައިވެޓް އޮފީސްތަކެއް ގެއިން މަސައްކަތްކުރާ ގޮތަށް ބަދަލުކުރެވިގެން ދިޔައިރު، ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން ޑަކްޓަރުންނާއި ނަރުހުންގެ މަސައްކަތުގެ ގަޑިއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ؟ އަދި އެފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ވީ އިތުރުތޯ؟ ނުވަތަ ހަނިތޯ؟

ޑަކްޓަރުންނާއި ނަރުހުންގެ ޒިންމާތަކާއި، ލިބިދީފައިވާ ޙައްޤުތަކަށް މިޙާލަތުގައި އެއްވެސް ބަދަލެއް ގެނެވިދާނެތޯ ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ.

ޑަކްޓަރުންނާއި ނަރުހުންނަށް ލިބިދޭ ޙައްޤުތައް

ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތެއްގެ ބާވަތުން ކޮންމެ ޑަކްޓަރަކަށްވެސް، އަދި ނަރުހަކަށްވެސް އެފަރާތުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާނެ ސަލާމަތީ ވަސީލަތްތައް ފޯރުކޮށްދީފައިވުމަކީ ލިބިގެންވާ ޙައްޤެކެވެ. މިސާލަކަށް މިފަދަ ޢާލަމީ ބަލިމަޑުކަމެއްގައި ޞިއްޙަތަށް ނުރައްކާތެރި ބައްޔަކަށް ފަރުވާދިނުމަށް ހުންނަ ޑަކްޓަރަށް، ނުވަތަ ނަރުހަށް ރައްކާތެރިކަމުގެ ހެދުމާއި، މާސްކް ފަދަ ތަކެތި ފޯރުކޮށްދީފައިވުމީ، އެފަރާތުގެ ޙައްޤެކެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ޑަކްޓަރުގެ އިހުމާލެއްނެތި އަނިޔާއެއް، ނުވަތަ ބަލީގެ ޝިކާރައަކަށްވެއްޖެނަމަ، އެކަމަށް އެކަށީގެންވާ ބޭސްފަރުވާ ލިބިދިނުމަކީވެސް އެފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ.

ހަމައެހެންމެ، ޑަކްޓަރުންނާއި ނަރުހުން ދޭ ޚިދުމަތަކީ މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ކަމުގައިވާއިރު، ހަފްތާއަކު މަދުވެގެން 24 ގަޑިއިރުގެ މުއްދަތެއް އަރާމުކުރުމަށް ދިނުމަކީ ލިބިދޭންޖެހޭ ޙައްޤެކެވެ. މީގެއިތުރުން މެދުކެނޑުމެއްނެތި 5 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތްކުރާނަމަ، 30 މިނެޓުގެ ހުސްވަގުތުކޮޅެއް ނެގުމަކީވެސް ލިބިގެންވާ ޙައްޤެކެވެ. އެހެންކަމަށްވާއިރު، ޑަކްޓަރުންނާއި ނަރުހުން އެކުރާ މަސައްކަތަށް އެކަށީގެންވާ މުސާރައެއް ލިބިދިނުމަކީވެސް އެފަރާތަށް ލިބިގެންވާ ޙައްޤެކެވެ.

އެހެންނަމަވެސް ކުރިމަތިވާ ޙާލަތެއްގެ ސަބަބުން މި ޙައްޤުތަކަކީ ބަދަލުގެނެވި، ނުވަތަ ހަނިކުރެވިގެން ހިނގައިދާނެ ޙައްޤުތަކެއްކަން ދެނެގަތުމަކީ މުހިންމުކަމެކެވެ.

ޑަކްޓަރުންނާއި ނަރުހުންގެ ޒިންމާތައް

ޑަކްޓަރުންނާއި ނަރުހުންގެ އިސް ޒިންމާއަކީ، ޞިއްޙީ ޙިދުމަތް ހޯދާ ފަރާތުގެ ޙާލަތު ރަނގަޅަށް ދެނެގަނެ، އެފަރާތަށް އެންމެ ފުރިހަމަ ފަރުވާއެއް ފޯރުކޮށްދިނުމެވެ. މިގޮތުގެމަތިން ޚިދުމަތް ފޯރުކޮށްދޭންވާނީ، ޞިއްޙީ ޚިދުމަތް ހޯދަން އަންނަ ފަރާތުގެ ނަސްލަށް، ނުވަތަ ޖިންސަށް ނުވަތަ އެމީހެއްގެ ކިބައިގައި ހުރި ޖިސްމާނީ، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި އެއްވެސް ތަފާތުކުރުމެއް ނެތިއެވެ.

ހަމައެހެންމެ، ޚިދުމަތް ފޯރުކޮށްދޭންވާނީ ޞިއްޙީ ދާއިރާގެ ސިޔާސަތުތަކާއި، ސުލޫކީ މިންގަނޑުތަކަށް ތަވާބެ، ޒާތީ ތަޢައްޞުބުން އެއްކިބާވެ ތިބެގެންނެވެ. އަމިއްލަ މަޞްލަޙަތު އިސްނުކޮށް ޞިއްޙީ ދާއިރާއަށާއި، ޤައުމުގެ މަސްލަޙަތަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޑް 19 އަށް ފައްސިވެފައިވާ މީހެއްގެ ގާތަށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހުމުން، އެކަމާ ދެކޮޅުވެރިވެގެން ނުވާނެއެވެ. ނުވަތަ އެފަދަ ޚިދުމަތެއްދިނުމުގައި ފަރުވާކުޑަ ކޮށްގެންނުވާނެއެވެ.

ޒިންމާ އަދާކުރުމުގައި އިހުމާލުވުން ނުވަތަ ފަރުވާކުޑަވުން

ޞިއްޙީ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށް ވީހިނދު، ޑަކްޓަރަކު ނުވަތަ ނަރުހަކު އެއްވެސް ސަބަބަކާހުރެ ހޮސްޕިޓަލުން ދޭ ޚިދުމަތެއް، ނުވަތަ ޚިދުމަތުގެ ބައެއް ހުއްޓުވުމަށް ބާރުއެޅުމަކީ، ނުވަތަ ހުއްޓުވައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތުން މަޙްރޫމްކުރުމަކީ ކުށެކެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވުމާއި ފަރުވާ ކުޑަކުރުމަކީ ކުށެކެވެ. މިފަދަ ޢަމަލެއް ހިންގައިފިނަމަ ދިވެހިރާއްޖޭގެ ނަރުހުންގެ މަޖިލީހުން، ނުވަތަ މޯލްޑިވްސް މެޑިކަލް ކައުންސިލުން އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ޤާނޫނުންވަނީ ފަހިކޮށްދީފައެވެ. އެގޮތުން ލައިސަންސް ހިފެހެއްޓުމާއި ބާޠިލްކުރުމުގެ އިތުރުން، ޖޫރިމަނާ ކުރުމުގެ ބާރުވެސް މި ކައުންސިލްތަކަށް ލިބިގެންވެއެވެ.

ނިންމުން

ޑަކްޓަރުންނާއި ނަރުހުންނަށް ލިބިދޭންޖެހޭ ބައެއް ޙައްޤުތައް ހަނިކުރެވިގެން ދިޔަނަމަވެސް، މިދުސްވަރު ފެތުރެމުންދާ ޢާލަމީ ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމުގެ މަސްޢޫލިއްޔަތު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަކީ، މި ފަރާތްތަކުގެ ޒިންމާއެކެވެ.

ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355