ކޮވިޑް-19 އިން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ 7.3 މިލިއަން ޑޮލަރު ދޭން ވޯލްޑް ބޭންކުން ނިންމައިފި އެވެ.
"މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ޕްރިޕެއާޑްނެސް ޕްރޮޖެކްޓް" ގެ ދަށުން މި އެހީ ދެނީ، ބަލި ޖެހޭ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ދިނުމަށާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުން ކުރެވޭ އާލާތްތަކާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރެވޭ ތަކެތި ހޯދުމުގެ އިތުރުން މީގެ އިތުރުން ބާރުބޮޑުވާ ހާލަތްތަކުގައި ވެސް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދެވޭކަން ކަށަވަރުކުރުމުގައި ހޮސްޕިޓަލްތަކަށް އެހީތެރިވުމަށްވެސް މި އެހީގެ ބޭނުން ޖެހޭކަމަށް ވޯލްޑް ބޭންކުގެ ބޯޑުން ނިންމި ނިންމުމުގެ މައްޗަށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ
އަދި ކޮރޯނާވައިރަސް ދެނެގަތުމަށްޓަކައި މާލެ އާއި އަތޮޅުތަކުގައި ހުރި ލެބޯޓްރީތަކުގެ ޤާބިލްކަން އިތުރުކުރުމަށާއި އަދި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ތަމްރީން ކުރުމަށް ވެސް މި އެހީގެ ބޭނުން ޖެހޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ އިތުރަށް 10 މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށާ މިއީ ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުން އަރައިގަތުމަށް ވެވޭ އެހީއަކަށް ވެގެންދާނެ ކަމަށެވެ.
މި މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ދާނީ، ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމަށް ވޯލްޑް ބޭންކް ގްރޫޕުން ކަނޑައަޅާފައިވާ އަވަސް އެހީގެ ފެސިލިޓީގެ ދަށުން، ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ، ވޯލްޑް ބޭންކުން ރާއްޖޭގައި މިހާރު ވެސް ކުރިއަށްގެންދާ މަޝްރޫއުތަކުގައި ޝާމިލްވާ ފަރާތްތަކުގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ހެލްތުންނެވެ.