twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ކޮވިޑް-19 ތަފާތު، ދޮޅު އަހަރު ދުވަހުގެ ދަތިކަމަށް ސަރުކާރު ތައްޔާރުވާންޖެހޭ

އިބްރާހީމް އަންޒަރު
Apr 5, 2020
3

ކޮވިޑް19 ޕޭންޑެމިކްގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ބޮޑު ގޮންޖެހުމަކާ މި ވަނީ ކުރިމަތިވެފައެވެ. އިގުތިސާދު އެއްކޮށް ކަހަލަ ގޮތަކަށް ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ދިވެހި ރާއްޖެއަށް ފަތުރުވެރިން އައުން ހުޢްޓުމާގުޅިގެން ރާއްޖެ ވެގެން ގޮސްފައިވަނީ ކޮވިޑް19 ގެ ސަބަބުން އިގުތިސާދަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަށެވެ. ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް19 ރާއްޖޭގެ އާންމުން ތެރޭގައި ފެތުރެން ފެށުމުގެ ކުރިން ކޮންޓުރޯލް ކުރެވިފައިވީނަމަވެސް އޭގެ ސަބަބުން އިގުތިސާދަށް ކުރިމަތިވެފައި ވާ ގޮންޖެހުމަކީ ދިވެހީންގެ މެދުގައި މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކެވި ވާހަކައިން ގިނަބަޔަކަށް ހިތްހަމަ ޖެހުން ލިބުނެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރު ފަހު ތިންމަހު ޓޫރިޒަމް އިންޑަސްޓްރީއަށް ބޫމް އެއް އައިސް އިގުތިސާދު ރަނގަޅުވެ ފާގަތި ދުވަސްތަކެއް އަންނާނެކަމަށެވެ. ނަމަވެސް ރައީސް އެ ވިދާޅުވާ ޓޫރިޒަމް ބޫމް ނައިސް ފަތުރުވެރިކަން ގިނަދުވަސްތަކެއް ވާނދެން ހުއްޓިފަ އޮވެދާނެ ސަބަބުތައް ބައިވަރެވެ.

ވެކްސިނެއް އަދި އުފެއްދިފައި ނުވާ ވައިރަސް ކޮޓްރޯލް ކުރެވޭ ހަމައެކަނި ގޮތަކަށް މިވަގުތު އޮތީ ވައިރަސް ފެތުރޭ ގައުމު ލޮކްޑައުން އަކަށް ގެނައުމެވެ. ލޮކްޑައުންގައި އޮންނައިރު އިގުތިސާދަށް ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް ގައުމުތަކުން ދަނީ ލޮކްޑައުން ކުރަމުންނެވެ. މިހާރު އުފެދޭ ސުވާލަކީ ގައުމުގެ އިގުތިސާދު ގުރުބާންކޮށްގެން ވައިރަސް ކޮންޓްރޯލްކޮށްފައި އެހާ ފަސޭހައިން ގައުމު ބޭރު ދަތުރުފަތުރަށް ހުޅުވާލަފާނެތޯއެވެ. އެހެން ގައުމުތަކުން އަންނަ މީހުންގެ ފަރާތުން ގައުމުގައި ވައިރަސް ފެތުރުމުގެ ބިރު އޮއްވާ އެއްވެސް ގައުމަކުން އެކަމަކީ ކުރާނެ ކަމެއްހެންނެއް ހިޔެއް ނުވެއެވެ. ގައުމުތައް ދަތުރުފަތުރަށް ނުހުޅުވާނަމަ ހަމަގައިމުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޫމް އެއް ނާންނާނެއެވެ. ލޮކްޑައުން އަކަށް ގޮސް ވައިރަސް ކޮންޓުރޯލް ކުރި ޗައިނާއިން ފެންނަ މަންޒަރަކީ ބޭރުގައުމުތަކުން އަންނަހާ ބަޔަކު ކަރަންޓީން ކުރާ މަންޒަރެވެ. ވެކްސިނެއް ނުއުފެއްދެނީސް ގިނަ ގައުމުތަކުން ވައިރަސް ނައްތާލެވިދާނެތޯ ވެސް ސުވާލު އުފެދެއެވެ. ގިނައިން އިވޭ ވާހަކައަކީ ވެކްސިނެއް އުފެއްދޭންދެން ސިއްހީ ހިދުމަތްތެރިންނަށް ކެތްވާވަރަށް ވައިރަސް ފެތުރުން ކޮންޓުރޯލް ކުރަން މަސައްކަތް ކުރާ ވާހަކައެވެ.

މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮންޓުރޯލުނުވެ ކޮވިޑް19 ވައިރަސް ފެތުރެމުން ދާއިރު އެހާ ގިނައިން އިވޭ ވާހަކައަކަށް ނުވިނަމަވެސް ގަސްތުގައި ވައިރަސް ފަތުރާ ކަމުގެ ތުހުމަތު އެއްގައުމު އަނެއް ގައުމަށް ވަނީ ކޮށްފައެވެ. އެމެރިކާއާއި ޗައިނާގެ އޮފިޝަލުން ކޮވިޑް19 ވައިރަސް އުފެއްދުމުގެ ތުހުމަތު ވަނީ އެއްގައުމު އަނެއް ގައުމަށް ކޮއްފައެވެ. އެފަދަ ތުހުމަތުތަކުގެ މައްސަލަ ހޫނުވެ އެމެރިކާއިން ވަނީ ޗައިނާ ސަފީރު ހާޒިރު ކޮށް ސުވާލުވެސް ކޮށްފައެވެ. އިރާނުން ވަނީ ކޮވިޑް19 އިރާނަށް ފޮނުވީ އެމެރިކާއިން ކަމަށް ތުހުމަތުކޮށް އެމެރިކާގެ އެހީ ހޯދުމަށްވެސް ދެކޮޅު ހަދާފައެވެ. ޓެރަރިސްޓުންނަށް ފާރަލާ އެމެރިކާގެ ޖާސޫސީ އިދާރާތައް ކަމަށްވާ ހޯމްލޭންޑް ސެކިއުރިޓީ އާއި އެފްބީއައި އިން ވަނީ ކޮވިޑް19 އާ ގުޅިގެން ޓެރަރިސްޓުންގެ ހަރަކާތްތަކަށް ހާއްސަ ސަމާލުކަމެއްދޭނެ ކަމަށް ބުނެފައެވެ. މިވަގުތު ވައިރަސް ފެތުރުމުގެ ޕުލޮޓެއް ޓެރަރިސްޓުންގެ ނެތް ނަމަވެސް ކޮވިޑް19 އާގުޅޭ ދޮގު މައުލޫމާތު ޓެރަރިސްޓުން ފަތުރާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ބުނެފައި ވެއެވެ. ޓެރަރިސްޓުން ގަސްތުގައި ގައުމަށް ވައިރަސް ފޮނުވަފާނެ ކަމުގެ ހަގީގީ ބިރުވެރިކަމެއް އޮތް ކަމަށް ގައުމުތަކަށް ގަބޫލު ކުރެވިއްޖެނަމަ ދަތުރުފަތުރު ކުރުން ތާށި ކޮށްފައި ބާއްވައިގެން ވިޔަސް އެކަން ހުއްޓުވަން ގައުމުތަކުން މަސައްކަތް ކުރާނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ޖީޑީޕީގައި ޓޫރިޒަމްގެ ހިއްސާ ރާއްޖެއާ އަޅާ ކިޔާއިރު ވަރަށް ވަރަށް ބޮޑުތަން ކުޑައެވެ. އެ ފަދަ ގައުމުތަކަށް ޓޫރިޒަމް ހުއްޓުނަސް ލިބޭ ގެއްލުން ރާއްޖެއާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ކުޑަވާނެއެވެ. އެ ގައުމުތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ދެވަނަ ފަހަރަށް ވައިރަސް ފެތުރި ދެވަނަ ލޮކްޑައުން އަކަށް ދާން ނުޖެހޭނެ ގޮތަކަށް ކަން ކުރާށެވެ.

ފަހުގެ ތާރީހުގައި ދުނިޔެއަށް ވައިރަލް އައުޓް ބުރޭކްތަކާ ކުރިމަތި ވެފައި ވީނަމަވެސް ކޮވިޑް19 ޕޭންޑެމިކް ވަރުގެ ކަމަކާ ދިމާވެފައެއް ނުވެއެވެ.

ކޮވިޑް19 ޖައްސާ ކޮރޯނާ ވައިރަސް އާއިލާއަށް ނިސްބަތްވާ ދެ ވައިރަސް ކަމަށްވާ ސާރސް ވައިރަސް އަދި މާރސް ވައިރަސް އާ ހިލާފަށް ކޮވިޑް19 ވައިރަސް ވަނީ ދުނިޔޭގެ ގިނަ ގައުމުތަކަށް ފެތުރި އެތައް ހާސް މީހުންނެއްގެ މަރުގެ ސަބަބަކަށް ވެފައެވެ. ބަލި ޖެހިފައި ހުރިމީހުންގެ އަދަދު މިވަގުތު ގުނަނީ ލައްކައިންނެވެ. ގާތްގަނޑަކަށް ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މިވަގުތު ވަނީ ލޮކްޑައުން ގައެވެ. ކޮވިޑް19 ގެ ނުރައްކަލުން ދުނިޔެ ސަލާމަތްވެ އިގުތިސާދު ރަނގަޅުވާނެ ކަމަށް ބޮޑަށް ބެލެވެނީ ބައްޔަށް ވެކްސިނެއް އުފައްދާ އާންމުކޮށް ލިބެން ފެށި ދުވަހަކުންނެވެ. މިހާރު ކޮވިޑް19 އަށް ވެކްސިން ޓެސްޓު ކުރަމުން އަންނައިރު ޓެސްޓުތައް ނިމި ވެކްސިނުގެ ރައްކާތެރިކަމާ އަދި ވެކްސިން ޖަހައިގެން ބަލިން ރައްކާތެރި ވެވޭކަން ކަށަވަރު ކުރަން އެއްއަހަރާ ދޮޅުއަހަރާ ދޭތެރޭގެ މުއްދަތެއް ހޭދަވެދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އާންމުކޮށް ވެކްސިން ލިބެން ފަށަން އެޔައްވުރެ ގިނަދުވަސް ނަގާނެއެވެ.

ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓުރީ ދޮޅުއަހަރަށް ވުރެ ދިގު މުއްދަތަކަށް ހުއްޓިފައި ނުވަތަ ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަކީވެސް ވުން އެކަށީގެންވާ ކަމަކަށް ވާއިރު އެހާލަތަށް ދުރާލާ ތައްޔާރުވާން ޖެހެއެވެ. ގައުމަށް އެއްވެސް ފައިސާއެއް ނުވަންނަ ދުވަސްވަރު ދައުލަތުގެ ދަރަނި ނުރައްކާތެރި ދަރަޖައަކަށް އުފުލިގެން ނުދާނެ ގޮތަކަށް ސަރުކާރުން ކަންކުރަން ޖެހެއެވެ. ގައުމު ހިންގުމުގެ މުހިންމު ނިންމުންތައް ނިންމާއިރު ދުނިޔޭން ފެންނަމުންދާ މަންޒަރުތަކާ ކޮއްފައިވާ ތަޖުރިބާތަކާ ދޭތެރޭ ވިސްނާ ހިސާބު ޖަހައިގެން ސިޔާސަތު ކަނޑައެޅުން މުހިންމެވެ. 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355