ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މިމަހު ބާއްވަން ކުރިން ނިންމި ކައުންސިލް އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާތީ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު އެކަމާ ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ވެސް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ބިލްގައި ވާގޮތުން އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.
އިންތިޚާބު ބާއްވަން ޖެހޭނީ އާންމު ސިއްހަތުގެ ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ. އަދި އިންތިހާބާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު އުވާލެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އަދި ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅީ އާ ކައުންސިލް މެމްބަރުން އިންތިހާބުކޮށް އެ މަގާމާ ހަވާލުވެވެން ދެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށެވެ.