ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ނެއްލައިދޫ ކައުންސިލުން ދޭ ބައެއް ހިދުމަތްތަކުން ފީ ނެގުން ހުއްޓާލުމަށް ނިންމައިފި އެވެ.
އެކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ 3 ހިދުމަތަކުން ފީ ނެގުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފީ ނެގުން ހުއްޓާލުމަށް ނިންމާފައިވަނީ އެރަށު ޕްރީ ސްކޫލްގެ ފީ، ކުނި ފީ އަދި ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ދޫކޮށްފައިވާ ބިންތަކުގެ ފީ އެވެ.
އެރަށު ޕްރީ ސްކޫލްގެ ފީ ދެން ނެގުމަށް ހަމަޖެހިފައިވަނީ ކުރިއެކޭ އެއްގޮތަށް ދަރިވަރުންގެ ކިޔެވުމުން ފެށުމުންނެވެ. ކުނި ފީ އަދި ދަނޑުވެރިކަމާއި ގެރިބަކަރި ގެންގުޅުމަށް ދޫކޮށްފައިވާ ބިންތަކުގެ ފީ ކަނޑާލާފައިވަނީ އޭޕްރިލް އަދި މޭ މަހުގެ ފީ އެވެ.
މީގެ އިތުރުން އޭޕްރިލް މަހާއި މެއިމަހު އެރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބީސީތަކުންނާއި ވިޔަފާރިތަކުން ހިލޭ ކުނި ނަގައިދިނުމުގެ އިންތިޒާމް ހަަމަޖެއްސުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދާކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.