twitterviber whatsapp telegramfacebookyoutube instagram
8th May 2024

ރާއްޖެއަށް އިތުރު 5،000 ޓެސްޓު ކިޓް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Apr 6, 2020

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު 5،000 ޓެސްޓް ކިޓު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަވާލުކޮށްފި އެވެ.

ކޮރޯނާވައިރަސް ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޓެސްޓް ކިޓުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ޑަބްލިއުއެޗްއޯގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ރިޕްރެޒެންޓެޓިވް ޑރ. އަރުވިންދު މަތުރު އެވެ.

ރާއްޖޭގެ ޓެސްޓް ކުރުމުގެ ކެޕޭސިޓީ ފުޅާކުރުމަށްޓަކައި މީގެކުރީން ދެ ފަހަރެއްގެ މަތީން ވަނީ 6000 ޓެސްޓް ކިޓް ރާއްޖެއާ ހަވާލުކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަންނަނީ ގިނަފިޔަވަޅުތަކެއް އަޅަމުން ކަމަށާއި މިހާތަނަށް 1500 އަށް ވުރެން ގިނަ މީހުން މި ބައްޔަށް ޓެސްޓްކޮށްފި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހީމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗުގައި ޓެސްޓު ހެދުމަށްޓަކައި ޓީމުން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން 24 ގަޑިއިރު ހުއްޓުމެއް ނެތި މަސައްކަތްކޮށް މިހާރު ދުވާލެއްގެ މައްޗަށް 200 ޓެސްޓު ހެދުމުގެ ގާބިލުކަން ހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ޓެސްޓް ހެދުމަށް ބޭނުންވާ އިތުރު މެޝިނެއް ގެނެސް ޓެސްޓު ކުރުމުގެ ގާބިލިއްޔަތު އިތުރު ކުރުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355