ރާއްޖެގަ އުޅުމަށްފަހު އެނބުރި ގައުމަށް ދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް އޭނައާ ކޮންޓެކްޓްވި 33 މީހަކު އެކަހެރިކޮށްފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ޖޯލި މޯލްޑިވްސްއިން ތަރައްގީ ކުރަމުން އަންނަ، ރ. ބޮޑުފުށި ރިސޯޓުގެ މަސައްކަތަށް ގެނައި ބިދޭސީ މުވައްޒަފެކެވެ.
އޭގެ ތެރެއިން 21 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަން މަބްރޫކް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕޮޒިޓިވްވި މީހާއާ ކޮންޓްކެޓްވި މީހުން ހޯދައި ސާމްޕަލް ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން އެކަހެރިކުރެވޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށެވެ. އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރޭގައި އެމީހާ ހުރި ރިޒޯޓުގެ މުވައްޒަފުންނާއި އެމީހާ ގޮވައިގެން ދަތުރުކުރި ކުރޫއާއި އެއަރޕޯޓް ގްރައުންޑް ސްޓާފުން ހިމެނޭކަމަށެވެ.
އެ ބިދޭސީ މީހާ ފުރައިގެން ދިޔައީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށާއި އެ މީހާ ރާއްޖެ އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 13 ގައި ކަމަށް ވެސް ވިދާޅުވި އެވެ.
އެމީހާ މަސައްކަތް ކުރި ޖޯލި މޯލްޑިވްސް ރިސޯޓާއި، ރ.އަތޮޅު ބޮޑުފުށި ރިސޯޓް މިހާރު އޮތީ ކޮންޓެކްޓް ޓްރޭސްކޮށް ނިމެންދެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ތުރުކީގެ ކުންފުންޏަކުން ހިންގާ މި ދެ ރަށުގެ ތެރެއިން ބޮޑުފުއްޓަކީ އަދި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެ ކެވެ.
ރާއްޖެ އިން މިހާތަނަށް މި ވައިރަހަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންނެވެ. ބާކީ ދެ މީހުންނަކީ އެނބުރި ގައުމަށް ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް އިޓަލީގެ ފަތުރުވެރިން ނެވެ.