twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޤާނޫނީ ކޮލަމް: ވަރިކުރީ ކޯޓުން ބޭރުންތަ؟

Apr 9, 2020
1

ރާއްޖެއަކީ އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ވަރި ގިނަ ޤައުމެވެ. މީގެ ތެރޭގައި، ކޯޓުން ބޭރުންކުރާ ވަރިވެސް އެހާމެ ގިނައެވެ. ތިމާ ނޭދޭ ކަމެއް ދިމާވުމުން، އަންނަ ރުޅީގައި ވިސްނާ ފިކުރު ކޮށްލުމެއްނެތި، ގިނަފަހަރަށް އަރާރުންގަނޑެއްގެ ތެރެއިން ބޭރުކޮށްލެވޭ ދެއަކުރުގެ ލަފްޒުގެ ސަބަބުން، ޢާއިލީ އަދި އިޖުތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތިވެގެންދެއެވެ. މިފަދަ ޙާލަތްތަކުގައި ގިނަފަހަރަށް ދެފަރާތުންވެސް ކަންކުރަނީ، އެފަދަ ޙާލަތެއްގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށެވެ. ވަރިކުރުމަށް ޤާނޫނީގޮތުން ވަކި އުޞޫލުތަކެއް ކަނޑައަޅާފައިވަނީ، މިފަދައިން ކޯޓުން ބޭރުންކުރާ ވަރިތަކުގެ ސަބަބުން ދިމާވާ ގެއްލުންތައް ބޮޑުކަމުންނެވެ.

ވީމާ، ކޯޓުން ބޭރުގައި ކުރާ ވަރި ސާބިތުކުރުން މުހިންމުވަނީ ކީއްވެގެންކަން ބަލާލަމާތޯއެވެ.

ކޯޓުން ބޭރުން ވަރިކުރުން

ރާއްޖޭގެ ޤާނޫނުން ލާޒިމުކުރަނީ، ވަރިކުރަން ބޭނުންވެއްޖެނަމަ ކޯޓަށް މައްސަލަ ހުށަހަޅާ، ވަރިކުރުމަށް ފަނޑިޔާރު ހުއްދަދެއްވުމުން ވަރިކުރުމަށެވެ. މިނޫންގޮތަކަށް ކުރާ ކޮންމެ ވަރިއަކީ، ކޯޓުން ބޭރުން ކުރާ ޤާނޫނާއި ޚިލާފު ވަރިއެކެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ފަނޑިޔާރުގެ ހުއްދަނެތި ވަރިކޮށްފި ކަމުގައިވާނަމަ، ފަނޑިޔާރުގެ ކުރިމަތީގައި ކޯޓުގައި ވަރިކުރި ކަމުގައިވިޔަސް، އެއީވެސް ކޯޓުން ބޭރުންކުރާ ވަރިއެއްކަމުގައި ކަނޑައެޅިދާނެ ކަމެވެ.

ކޯޓުން ބޭރުންކުރާ ވަރި ރަޖިސްޓްރީކުރުން

ކޯޓުން ބޭރުގައި ވަރިކޮށްފިނަމަ، ވަރިކުރިތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެއެވެ. އަދި އަންހެން މީހާއަށް، އޭނާ ވަރިކުރިކަން އެންގޭތާ 3 ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންވާނެއެވެ. ކޯޓުން ބޭރުގައި ކުރެވުން ވަރި ރަޖިސްޓަރ ކުރަން ކަނޑައަޅާފައިވާ މި މުއްދަތުގެ ތެރޭގައި، ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކުން ވަރި ރަޖިސްޓަރ ކުރަން ކޯޓަށް ހުށަހަޅައިފިނަމަ، ދެ ފަރާތުންކުރެ އެއްވެސް ފަރާތެއް ޖޫރިމަނާއެއް ނުވާނެއެވެ. ނަމަވެސް، މި އުޞޫލާއި ޚިލާފަށް ވަރި ރަޖިސްޓަރ ކުރަން ހުށަނާޅައިފިނަމަ، ދެފަރާތްވެސް ކުށްވެރިވެ ޖޫރިމަނާވާނެއެވެ. ހަމައެހެންމެ އަންހެންމީހާ ވަރިކުރިފަހުން 3 ދުވަހަށްވުރެ ދިގުމުއްދަތެއް ފާއިތުވެ، ވަރިކުރިކަން އަންހެންމީހާއަށް ނޭނގޭ ޙާލަތްތަކުގައި، ކޯޓަށް ވަރި ސާބިތުކުރަން ހުށަނޭޅުނު ކަމުގައިވިޔަސް، ޖޫރިމަނާއިން އަންހެންމީހާ އިސްތިސްނާވާނެއެވެ. ސަބަބަކީ، އަންހެންމީހާއަށް 3 ދުވަހުގެ މުއްދަތު ފެށެނީ ވަރިކުރިކަން އޭނާއަށް އެނގޭ ހިސާބުން ކަމުގައިވާތީއެވެ.

އިސްވެދެންނެވުނު މުއްދަތުގެ ތެރޭގައި، ވަރިކުރިކަން ކޯޓަށް ނާންގާ މީހެއްނަމަ، ސަތޭކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވަރިކުރިކަން ކޯޓަށް އެންގި ދުވަހާއި ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެއްރުފިޔާ މި ޖޫރިމަނާގެ ތެރެއަށް އިތުރުވަމުން ދާނެއެވެ. ކޯޓުން ބޭރުގައި ވަރިކޮށްފި ކަމުގައިވާނަމަ، އެމީހަކު އެކުރަނީ 5000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ، ނުވަތަ ހަމަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލެވިދާނެ ނުވަތަ ގޭގައި ބަންދު ކުރެވިދާނެފަދަ ކުށެކެވެ.

ކޯޓުން ބޭރުގައިކުރާ ވަރިއަކީވެސް ޝަރުޢީގޮތުން ވަރިއެއް

ކޯޓުން ބޭރުގައި ކުރާ ވަރިއަކީ ޤާނޫނާ ޚިލާފަށް ކުރާ ވަރިއެއް ކަމުގައިވިޔަސް، އަދި ކޯޓުގައި ސާބިތުނުކޮށް އޮތް ވަރިއެއް ކަމުގައިވިޔަސް، އެ ވަރި ވެގެންދާނީ ޝަރުޢީގޮތުން ވަރިއަކަށެވެ. ކޯޓުން ބޭރުގައި މިގޮތަށް ކުރާ ވަރި ސާބިތުކުރުން މުހިންމުވަނީ، މި ސަބަބަށްޓަކައެވެ. ކޯޓުން ބޭރުގައި ވަރިކޮށް، އެ ވަރި ކޯޓުގައި ސާބިތުނުކޮށް، އަދި ރަޖިސްޓްރީ ނުކޮށް އަލުން އެކުގައި އުޅެން ފެށިކަމުގައިވިޔަސް، އެއީ ޝަރުޢީގޮތުން ދެމަފިރިން ކަމުގައި ނުބެލެވޭނެއެވެ.

ރަޖިސްޓްރީ ކުރުމުގެ މުހިންމުކަން

3 ފަހަރަށް ކޯޓުން ބޭރުގައި ވަރިކޮށް، ކޯޓުގައި ވަރި ސާބިތުނުކުރުމުގެ ސަބަބުން ޝަރުޢީގޮތުން ތިންފަށްވެ، ނަމަވެސް އެކުގައި "ޙަލާލު ނޫން" ކައިވެންޏެއްގައި އުޅެމުންދަނީ ކިތައް މީހުންތޯއެވެ؟ މިސާލަކަށް، ދެމަފިރިއަކު ފުރަތަމަ ފަހަރާއި ދެވަނަ ފަހަރު ވަރިކޮށް، ކޯޓުގައި ވަރި ރަޖިސްޓްރީ ކުރިނަމަވެސް، ތިންވަނަ ފަހަރު ވަރިކޮށް ކޯޓުގައި ރަޖިސްޓްރީ ނުކޮށް ތިބެދާނެއެވެ. މި ޙާލަތުގައި ރަޖިސްޓްރީ ނުކުރި ކަމުގައިވިޔަސް، އެއީ ޝަރުޢީގޮތުން ތިންފަށްވެފައިވާ ދެމަފިރިންނެވެ. ކޯޓުން ބޭރުގައި ވަރިއެއް ކޮށްފިނަމަ، ކޯޓުގައި ވަރި ސާބިތުކުރުން މުހިންމު ކަމަކަށް ވެގެންދަނީ، ދަރިންގެ ނަސަބު އޮޅިދާނެ އެންމެހާ ދޮރުތައް ބަންދުކުރުމުގެ ގޮތުންނެވެ.

ނިންމުން

ހިތާމަހުރިކަމަކީ، މައިންބަފައިންގެ ފަރުވާ ކުޑަކަމުގެ ސަބަބުން ކުށެއްނެތް މަޢުޞޫމު ދަރިންގެ ނަސަބަށްވެސް ކިލަނބުކަން އަންނާތީއެވެ. ވަރިއަކީ އޭގައި ދެމަފިރިންގެ އިތުރަށް، ދަރިންގެ ޙައްޤުތަކެއްވެސް އެކުލެވިގެންވާ ކަމެކެވެ. ވީމާ، މިޙައްޤުތައް ހުރިހާ ފަރާތްތަކަށް ކަށަވަރު ކޮށްދިނުމަށްޓަކައި، ޤާނޫނާ އެއްގޮތަށް ވަރިކުރުމަކީ މުހިންމުކަމެކެވެ.

ލިޔުނީ: އަލްއުސްތާޛާ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355