twitterviber whatsapp telegramfacebookyoutube instagram
21st April 2021

ލޮކް ޑައުންގައި ތިބެގެން ބަނޑު ހިންދާލާނެ ގޮތް

ބަދުރުއްދީން ޙަސަން
Apr 16, 2020

ދުނިޔަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސް ވަބާގެ ސަބަބުން އެކަމުން ރައްކާތެރިވުމަށް ކުރުމަށް އެންމެ މުހިއްމު ކަމަކީ ގޭގައި ތިބުން ކަމަށް ހުރިހާ ގައުމެއްގެވެސް ވެރިންނާއި ސިއްހީ މާހިރުން ވަނީ ބުނެފައެވެ. ރާއްޖޭގައި ވެސް ކޮމިއުނިޓީ ސްޕްރެޑްގެ ނުރައްކާ ސިގްނަލް އިއްޔެ އިއްވުމާއެކު ގައުމުގެ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ހުރިހާ ލެވެލް އެއްގެ މީހުންވެސް އާދޭހާއެކު އެދެމުން އެދަނީ ގޭގައި ތިބުމަށެވެ. މާރޗު މަހު މެދެއްހައި ތަނުން ފެށިގެންވެސް ސަރުކާރު އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް ދިޔައީ އިލްތިމާސް ކުރަމުން ނެވެ. ނަމަވެސް އިއްޔެގެ ހަބަރުތަކާއެކު މިކަމުގެ ސީރިއަސްކަން މިވަނީ ނުހަނު އިތުރު ވެފައެވެ. އަދި މާލެ މިވަނީ ލޮކްޑައުން ކުރެވިފައެވެ. މާލެ ނޫން ތަނެއް ކަމުގައި ވިޔަސް، އެންމެ ބޮޑު އިލްތިމާސްއަކީ މިދަނޑިވަޅުގައި އިޖުތިމާއި ގައިދުރުކަން އިސްކުރުމެވެ. އެންމެން ގޭގައި ތިބުމެވެ.

މިހާލަތުގައި ގޭގައި ތިބެގެން ތަފާތު ކަންކަން ކުރެވިދާނެ އެވެ. އޭގެ ތެރެއިން އެއްކަމަކީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމާއި ފައިދާ ހުރި ކާނާ ކެއުމަށް އިސްކަން ދިނުމެވެ. އާއްމުކޮށް ކޮންމެ ދުވަހަކު ޖިމްތަކުގައި ނުވަތަ ޕާކުތަކުގައި ކަސްރަތު ކުރަމުން އައި މީހުންނަށް މިދަނޑިވަޅުގައި އެކަންތައްތައް ވަރަށް މިސްވާނެ އެވެ. ނަމަވެސް ގޭގައި ތިބެގެންވެސް ކަސްރަތު ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދެވިދާނެ އެވެ. މީގެ އިތުރުން މިއިން ދުވަހަކު ކަސްރަތެއް ނުކޮށް، ބޭނުން އެއްޗެއް ކައިގެން އުޅުން މީހުންނަށްވެސް މިއީ ރަނގަޅު ފުރުސަތެކެވެ. ފަހަރުގައި ދިރިއުޅުމުގެ ކަންތައްތަކާއި ކާންބޯން ކުރާ މަސައްކަތުގެ ސަބަބުން ކުރިން ކަސްރަތު ކުރުމަށް ވަގުތު ނުވަނީ ކަމުގައި ވެސް ވެދާނެ އެވެ. އެފަދަ މީހުންނަށްވެސް މިއީ ރަނުގެ ފުރުސަތެއް ކަމުގައި ބަލަމާ ހިނގާށެވެ.

ކަސްރަތު ކުރުމަށް އަގުބޮޑު މެޝިނަރީތަކެއް ބޭނުމެއް ނުވޭ

ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ޓްރެޑްމިލް އެއް ނޫނީ ކަސްރަތު ބައިކެއް ގޭގައި ނެތްނަމަ އެކަމެއް ނުކުރެވޭނެ އެވެ. އަދި ބަރުހިފަން ޑަންބެލް ފަދަ އާލާތްތައް ނެތިއްޔާ ތިމާގެ ހަށިގަނޑު ރީތިކޮށެއް ނުލެވޭނެ އެވެ. މިއީ މުޅިން ކުންހީތަކެވެ. ބޭނުންވަނީ ޕޮސިޓިވް ސިކުނޑިއެކެވެ. ތިމާގެ އަމިއްލަ ބޮޑީ ވެއިޓް ނުވަތަ ގޭގައި ބޭނުންކުރާ އެކި ސާމާނު ބޭނުންކޮށްގެން ކޮށްލެވޭނެ ތަފާތު ކަސްރަތުތައް ޔޫޓިއެބްގައި ބައިވަރު އެބަހުއްޓެވެ. ބޭނުންވަނީ ހިތްވަރެކެވެ.

އާއިލާގެ އެހެން މެމްބަރުން ނުވަތަ ބައިވެރިޔާއާއެކު ކަސްރަތު ކުރުން

މާލޭގައި ގޭތެރޭގައި ލޮކްޑައުން ވެފައި ތިބުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެތައް އާއިލާއެއް ކުދި އެޕާޓްމަންޓްތަކުގައި ތޮއްޖެހިގެން އުޅޭއިރު، ގޭތެރޭގައި ތިބެގެން ކަސްރަތު ކުރާށޭ ބުނީމާ އަޑުއަހަންވެސް ފަސޭހަ ނުވެދާނެ އެވެ. އެހެންކަމުން މިއީ ތިމާ އެކަނި ކުރާކަމަކަށް ނުހަދާ، ހުރިހާ އެންމެންވެސް ބައިވެރިވެގެން ކުރާ ކަމަށް ހަދާށެވެ. ތިމާ އުޅެނީ ބައިވެރިޔާއާއެކު ކަމުގައި ވަނީ ނަމަ، އެމީހަކާއެކު އެކަކު އަނެކަކަށް އެހީތެރިވެގެން ކަސްރަތު ކުރާށެވެ. އޭރުން ހިތްވަރުވެސް ދެވޭނެއެވެ. ކަސްރަތު ކުރަން ކަންނެތްވާދުވަހު، ބާރުއަޅާނެ މީހެއްވެސް އޭރުން ހުންނާނެ އެވެ.

ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ

ފެޓް ލޫސް ކުރަން ނުވަތަ ބަނޑު ހިންދަން އެކިމީހުންނަށް ކަމުދަނީ އެކި ކަހަލަ ކަސްރަތެވެ. އަދި ފިޓްނެސް އިންސްޓްރަކްޓަރުންނަށްވެސް ކަމުދަނީ އެކި ކަންކަމެވެ. ބައެއް މީހުންނަށް އެރޮބިކްސް ކަމުދާއިރު، އަނެއްބައި މީހުންނަށް ކަމުދަނީ ޖިމްއަށް ގޮސް ބަރުހިފުމެވެ. އަނެއްބަޔަކު ދުވަން ދިއުން ނޫނީ ބައިސްކަލު ދުއްވުމެވެ. ގޭގައި ކުރުމަށް އެންމެ ރަނގަޅު އަދި އެންމެ ފަސޭހަ ކަސްރަތަކަށް އަޅުގަނޑަށް އެންމެ ކަމުދަނީ ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ އެވެ. މިއީ އެކި ކަހަލަ ކަސްރަތުތައް މަސްހުނި ކޮށްލައިގެން، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ކޮށްލެވޭނެ ކަސްރަތެކެވެ.

މިގޮތުން އިންޓަވަލް ތަކަށް ބަހާލައިގެން ކަސްރަތާއި ރެސްޓް ގެންގުޅޭށެވެ. މިސާލަކަށް 20 ސިކުންތު ނުވަތަ 30 ސިކުންތު ކަސްރަތު ކުރުމަށްފަހު 10 ސިކުންތު ރެސްޓް ކުރާނީއެވެ. އަނެއްކާވެސް މިގޮތަށް ރިޕީޓް ކުރާށެވެ. ކޮންމެ އިންޓަވަލްއެއްގައި ތަފާތު ކަސްރަތެއް ކުރެވިދާނެ އެވެ. މިގޮތަށް 6 ނޫނީ 8 އިންޓަވަލް ހަމަކުރުމަށްފަހު 1 މިނެޓް ނުވަތަ 2 މިނެޓްގެ ރެސްޓެއް ނަގާށެވެ. ރަނގަޅީ ވީހާވެސް ރެސްޓް ކުޑަކުރުމެވެ.

މީގެ ތެރެއަށް މިކްސް ކުރުމަށް ގެންގުޅެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ސްކޮޓްސް، ލަންޖެސް، ޖަމްޕިންގ ޖެކްސް، ޕުޝްއަޕްސް، އަދި ބަރޕީސް ހިމެނެއެވެ. ޔޫޓިއުބްގައި ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިނިންގ ޖަހާލުމުން މިފަދަ އެތައް ވީޑިއޯއެއް ފެންނާނެ އެވެ. މިތަނުގައިވެސް ލިންކެއް ހިމަނާލާނަމެވެ.

ކެއުމަށް ބެލުން

ލޮކްޑައުންގައި ތިބޭއިރު ފޫހިފިލުވުމަށް ތަފާތު ވައްތަރުތަކުގެ ކާނާ ތައްޔާރު ކޮށްގެން ކެއުމަކީ ބައެއްމީހުންގެ ހޮބީ އެވެ. ނަމަވެސް ހަށިގަނޑަށް އެތެކުރެވޭ ކާނާއަކީ ރަނގަޅު ފައިދާހުރި އެއްޗެއްސަށް ހަދާށެވެ. ހަކުރު ހިމެނޭ ސާމާނު މަދު ކުރާށެވެ. އަދި ހަބަނޑަށް ކެއުމުގެ ބަދަލުގައި ޕޯޝަން ވެސް ކުޑަކޮށްލާށެވެ. ކޫސަނި ކެއުން ހުއްޓާށެވެ.

ކެލެރީ ޑެފިސިޓަކަށް ގެނައުން

އަހަރެމެން ކެއުމަށް އަނގައިން އެތެރެ ކުރާ ކޮންމެ އެއްޗަކީ ހަކަތަ އުފައްދާ އެއްޗެކެވެ. އެޔަށްކިޔަނީ އެތެރެ ކުރާ ކެލޮރީ އެވެ. އަހަރެމެންގެ ކޮންމެ ހަރަކާތަކަށް ހަކަތަ ބޭނުންވެއެވެ. އެއިން ކޮންމެ ހަރަކާތަކީ އަންދާލާ ކެލޮރީ އެކެވެ. އެހެންކަމުން އެތެރެ ކުރާ ކެލޮރީ އަށްވުރެ ކޮންމެ ދުވަހަކު އަންދާލާ ކެލޮރީ ގިނަ ކުރާށެވެ. ކެލޮރީ އަންދާނީ ހެލިފެލިވެއުޅުމުނެވެ. އިތުރަށް ކެލޮރީ އެންދުމަށް ކުރާނީ ކަސްރަތެވެ. ކެލޮރީ ޑެފިސިޓަކަށް ގެންނަނީ މިހެންނެވެ. ކެލޮރީ ޑެފިސިޓް ވާން ފަށާއިރަށް، ތިމާގެ އުނަގަނޑުން އެކަން އިހުސާސްވާން ފަށާނެ އެވެ.

ހަށިގަނޑު ލުއިކޮށްލަން ޓާގެޓް ކަނޑައެޅިކަމުގައި ވިޔަސް މިކަން ކުރަންވާނީ ހަށިގަނޑަށް ކެއްވާވަރު ބަލައިގެންނެވެ. އެހެންނޫންނަމަ އިތުރު ތަކުލީފުތައް ޖެހުން ކައިރިއެވެ. އެހެންކަމުން، ވޯމްއަޕް ކުރުމާއި ސްޓްރެޗް ކުރުންވެސް ވަރަށް މުހިއްމެވެ. އަދި ގިނަ ގިނައިން ފެނާއި އިތުރު ދިޔާތަކެތި ބުއިމަށްވެސް އާދަ ކުރާށެވެ. އަދި ކޫސަނި ކެއުމުގެ ބަދަލުގައި ވޭމާ އަދި ބަދަންފަދަ ތަކެތި ކައިގެން ކްރޭވިންތައް ކުޑަކުރެވޭނެ އެވެ. މިކަންކަމަށް އިސްކަންދީފިނަމަ، އެބުނާ ކާރވްއެއް ފްލެޓް ކުރެވިގެން ދާއިރު، ބަނޑުގައި ތިއޮތް ކާރވް ވެސް ފްލެޓް ކޮށްލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355