twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މި މަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފި

ނަބީލާ އިސްމާޢީލް
Apr 18, 2020

ރާއްޖޭގައިވެސް ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސި ނަމަވެސް ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އޮފީސް ހުޅުވައިގެން ހިދުމަތެއް ދޭން ޖެހިއްޖެނަމަ އެ ހިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން ހިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ސަރުކާރު ބަންދު ނަމަވެސް ދެވޭނެ ހިދުމަތް ތަކަކީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ހިދުމަތްތައް، ފޯނާއި އިންޓަނެޓުގެ ހިދުމަތް، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތް، ބްރޯޑްކާސްޓިންގގެ ހިދުމަތް، ބޭންކުތަކުން ދޭ ހިދުމަތް، ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތް، ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ހިދުމަތް، ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ހިދުމަތް، ސިފައިންނާއި ފުލުހުންގެ ހިދުމަތް، ފަޔަރ އެންޑް ރެސްކިއުގެ ހިދުމަތް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް، ޚާރިޖީ ގުޅުންތަކާބެހޭ ހިދުމަތް، އިޖުތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް، ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ހިދުމަތް، ޖަލުތަކުގެ ހިދުމަތް، ރަށް ކުނިކަހައި ބެލެހެއްޓުމުގެ ހިދުމަތާއި، ކުނިނަގައި އުކައިލުމުގެ ހިދުމަތް، މޫސުމާބެހޭ ހިދުމަތް މި އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރު ބަންދުކުރުމުން މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންވުމަށާއި އެ އޭޖެންސީން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިންމު އެއްފިޔަވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355