twitterviber whatsapp telegramfacebookyoutube instagram
24th April 2024

ލޮކްޑައުންގައި ހުރެގެން ކުރަން މޮޅު 5 ކަމެއް

ބަދުރުއްދީން ޙަސަން
Apr 18, 2020

ކޮވިޑް 19 އާގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މާލެ ވަނީ ލޮކްޑައުންއެއްގަ އެވެ. މީގެ އިތުރުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކުރެވިފައެވެ. އަދި ރަށްރަށުގައި ވެސް މިވަގުތު އެންމެ މުހިއްމު ކަމެއް ދޭންވީ ގެއިން ބޭރަށް ނުގޮސް އިޖްތިމާއީ ގައިދުރުކަން އިސްކުރުމެވެ. މިފަދަ ލޮކްޑައުންގައި ތިބޭއިރު، ވަރަށް ގިނަ މީހުން ފޫހިވެގެން އެވާހަކަތައް ސޯޝަލް މީޑިއާގައި އެބަ ލިޔެއެވެ. އަދި މިފަދަ ލޮކްޑައުންއަކީ ނަފްސާނީ ގޮތުންވެސް މީހުންނަށް އަސަރުތަކެއް ކުރާނެ ހާލަތެކެވެ. މިހާލަތުގައި އަބަދު ހަބަރު ބެލުމާއި ހުރިހާ ވަގުތެއް ސޯޝަލް މީޑިއާތަކުގައި ހަރަކާތްތެރި ވުމަކީ އެންމެ ރަނގަޅު ގޮތަށްވެސް ނުވެދާނެ އެވެ. ނަމަވެސް މިދަނޑިވަޅުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ލޮކްޑައުން ތިމާގެ އެޑްވާންޓޭޖަކަށް އަނބުރާލެވިދާނެ އެވެ. މިތަނުގައި މިހިމަނާލަނީ ލޮކްޑައުންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ 5 ކަމެކެވެ.

ނަމާދުކޮށް ޤުރުއާން ކިޔެވުން

އިންސާނާ ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައި ހުރި ކަމުގައިވިޔަސް ދީނީ ކަންކަމަށް އިސްކަންދިނުމަށް އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީން ބާރު އަޅައެވެ. މިސްކިތްތަކަށް ދިއުން މަނާކޮށްފައި އޮތްކަމުގައި ވިޔަސް 5 ވަގުތު ފަރުޟު ނަމާދު ގޭގައި ކުރާށެވެ. އަދި ގިނަ ގިނައިން އިސްތިޣްފާރު ކުރާށެވެ. ރަމަޟާން މަސް އަންނަން ދެންއޮތީ ހަފްތާއެކެވެ. ޤުރުއާން ހަތިމުކުރަން މަސައްކަތް ފަށަން ޖެހެނީ ވަކި ރޯދަ މަސް ފެށުނީމާއެއް ނޫނެވެ. ލޮކްޑައުން ތެރޭ ޤުރުއާން ޙަތިމް ކުރަން އަޒުމް ކަނޑައަޅަމާ ހިނގާށެވެ.

ކޮންމެވެސް އާކަމެއް ދަސްކުރުން

ލޮކްޑައުން ނިމިގެން އާއްމު ދިރިއުޅުމަށް ރުޖޫއަ ވާންވާއިރަށް ކޮންމެވެސް އާކަމެއް ދަސްކޮށްލަމާ ހިނގާށެވެ. މިކަމުގައި ކޮންމެ މީހެއްވެސް އިހުތިޔާރު ކުރާނީ އެމީހަކު ގަޔާވާކަހަލަ ކަމެކެވެ. ކުރިން އެކަމެއް ކޮށްލަން ނޫނީ ދަސްކުރަން ވަގުތު ނުވިކަމުގައި ވިޔަސް މިހާރު މިއޮތީ ވަގުތު ލިބިފައެވެ. މިގޮތުން އާ މަސައްކަތެއް ވެސް ދަސްކުރެވިދާނެ އެވެ. އާއެއްޗެހި ކައްކަން ދަސްކުރެވިދާނެ އެވެ. ނަމަވެސް މިވަގުތު އިސްރާފު ނުކުރުން މުހިއްމެވެ. އެހެންކަމުން ކައްކާނީ ކައިފަ ބާކީ ނުވާ ގޮތަށެވެ. ފަހަން ވެސް ދަސްކުރެވިދާނެ އެވެ. އަތޮޅު ތެރޭގެ ރަށެއްގައި ބިން އޮތް ގެއެއްގައި ހުރިނަމަ، ދަނޑުވެރިކަން ވެސް ދަސްކުރެވިދާނެ އެވެ. އާދައިގެ ދަނޑުވެރިކަމެއް ނޫނެވެ. ޔޫޓިއުބް ބަލައިގެން ޒަމާނީ ދަނޑުވެރިކަން ވެސް ދަސްކުރަން ވީއެވެ. ނޫނީ އާބަހެއް ދަސްކުރަމާ ހިނގާށެވެ. ކޮމްޕިއުޓަރ ނޫނީ ޓެކް ދާއިރާއަށް ލޯބި ކުރާ ކުއްޖެއްނަމަ، މުޅިންއާ ޕްރޮގްރާމިންގ ލެންގުއެޖް އެއް ނޫނީ އެނިމޭޝަން ހަދަން ވެސް ދަސްކުރަން ވީއެވެ. މުހިއްމީ ލޮކްޑައުން ނިމޭއިރު، ތިމާގެ ހުނަރުވެރިކަން އިތުރު ކުރުމެވެ.

އާއިލާއަށް ވަގުތު ދިނުން

އާއިލާއާއެކު ވަގުތު ހޭދަކުރަން ޖެހިފައިވާތީ ސޯޝަލް މީޑިއާގައި މަޖާ ޓްރޯލްތައް ދައުރުވެއެވެ. ނަމަވެސް މިއީ ކުރިން އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ސަބަބުން އާއިލާއަށް ނުދެވުނު ވަގުތު ދޭންވީ ވަގުތެވެ. މައިންބަފައިންނާ ވާހަކަ ދައްކާ އެމީހުންގެ ޅައުމުރުގެ ވާހަކަތައްވެސް އަޑުއަހާލާށެވެ. ބައިވެރިޔާއާއެކު ފިލްމެއް ބަލާލައި، ނުވަތަ އާއިލާގެ މެމްބަރުނާއެކު ކެރަމް، ރާޒުވާ، ސްކްރެބަލް ނޫނީ އޮއްވަޅުގޮނޑިވެސް ކުޅެން ވީއެވެ. ދަރިންނަށް ފޮތް ކިޔައިދީ، އެކުގައި ކުޅެހަދަންވީ އެވެ.

ފޮތް ކިޔުން

އިލްމު އުނގެނުމަކީ ތިމާއަށް ގެއްލުން ވާނެ ކަމެއް ނޫނެވެ. މިވަގުތަކީ ތިމާ ޝައުގުވެރިވާ ފޮތްތައް ކިޔާލަން ލިބުނު ރަނުގެ ފުރުސަތެކެވެ. ގޭގައި ފޮތް ނެތްނަމަ، ފޮތް ލިބޭނެ އެޕްތައް އެބަހުއްޓެވެ. ގެންގުޅެނީ އެޕަލް ފޯނެއްނަމަ، އައިބުކްސް ވަރަށް ފައްކަލެވެ. އެންޑްރޮއިޑެއްނަމަ، ގޫގުލް ޕްލޭ ބުކްސް ހަމަ އެއްވަނައެވެ. މީގެ އިތުރުން ކޯބޯ އަކީވެސް ފާހަގަ ކޮށްލެވޭ އެޕެކެވެ. މި އެޕްތަކުގައި ހިލޭ ލިބޭ ފޮތަކާއި ގަނެގެން ކިޔާލެވޭ ފޮތްތައް އެބަހުއްޓެވެ. ގަންނަންވެސް ހޭދަކުރަން ޖެހޭނީ 5 ޑޮލަރު ނޫނީ 10 ޑޮލަރެވެ. ފްރީ ބުކްސް ހުންނަ އެޕްތައްވެސް ބައިވަރެވެ. އެހެން ކަމުން ލޮކްޑައުން ނިމޭއިރު، ހައެއްކަ ފޮތް ކިޔާ ނިންމާލަން ހިނގާށެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުން

ކުރިން ވަގުތު ނުވެގެން އެއްވެސް ކަސްރަތެއް އޮތީ ނުކުރެވިފަ އެއްނޫން ހެއްޔެވެ. ނަމަވެސް މިހާރު މިއޮތީ ކަސްރަތު ކުރަން ވަގުތު ވެފައެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއް މިކަމަށް ހުސްކުރާށެވެ. ލޮކްޑައުން ނިންމާފައި އަލުން އޮފީހަށް ދާއިރު، މީހުންނަށް އެނގުންވާވަރު ކޮށްލަމާ ހިނގާށެވެ.


މިތަނުގައި މިފާހަގަ ކޮށްލީ ލޮކްޑައުންގައި ހުރެގެން ކޮށްލަން ރަނގަޅު 5 ކަމެކެވެ. މީގެ އިތުރުންވެސް ތިމާގެ ޝައުގު ހުންނަ އެތައްކަމެއް ކުރެވިދާނެ އެވެ. އަބަދު ހަބަރުތައް ބެލުމާއި ސޯޝަލް މީޑިއާގައި ކޮންޓެކްޓް ޓްރޭސިން ހަދަން ނުތިބެ މިފަދަ ކަންކަމަށްވެސް ކޮންމެވެސް ވަރަކަަށް އިސްކަން ދެމާހިނގާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355