ޖަލުގައި ހުކުމް ތަންފީޒު ކުރުމުންދާ 105 ގައިދީއެއްގެ އަދަބު ރައިސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ލުއިކޮށްދެއްވައިފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކޯވިޑް-19 އާ ގުޅިގެން ރައީސް އަދަބު ލުއިކޮށްދެއްވާފައި ވާ 105 ގައިދީން އިއްޔެގެ ނިޔަލަށް މިނިވަންވެފައިވާތީ މިހާރު އެމީހުން، އެމީހުންގެ ގެތަކަށް ގެންގޮސްދީފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ބިރު ރާއްޖެއަސް އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދުމީހުންނާއި ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން 105 މީހަކަށް އަދަބު ލުއިކޮށްދެއްވުމުގައި ރިއާޔަތްކުރައްވާފައިވަނީ، އެ ގާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ހާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ވެސް ބައްލަވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޖަލުތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ކަމާ ގުޅުންހުރި ފަންނީ މާހިރުން ލަފާދެމުންް އަންނަ ކަމަ މިނިސްޓްރީން ބުނެ އެވެ.
ސިއްހީ މާހިރުންގެ އިރުޝާދާއެކު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ފުރިހަމަޔަށް ތަބާވުމަށް ހޯމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.