ކޮވިޑް-19 އާ ގުޅިގެން އަތޮޅުތެރޭގައި ހުރި ކަންބޮޑުވުންތައް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްއާ ހިއްސާކުރައްވައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގައި ހުރި ކަންބޮޑުވުން ރޭ ރައީސުލް ޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ރައީސް އާއި ސިޓީތަކުގެ މޭޔަރުން އަދި ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ލަތީފް ވިދާޅުވީ އެ ބައްދަލުވުމުގައި ރައީސްއާ ހިއްސާކުރެވުނީ އަތޮޅުތަކުގައި ހުރި ކަންބޮޑުވުންކަމަށެވެ. އެގޮތުން ރަށްތަކުގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ ބާރު ކައުންސިލްތަކަށް ދިނުމާއި ކާބޯތަކެތި ދަތިތަކުގެ ވާހަކަ ކަމަށެވެ.
މީގެ އިތުރުން އަތޮޅުތަކުގައި ކޮވިޑް-19 އަށް ބޭނުންކުރާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ނެތުމުން އެކަމުގެވެސް ކަންބޮޑުވުންފާޅުކުރިކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ރަށްރަށުގައި އެކަށީގެންވާ ވަރަށް ފުލުހުންނާއި ސިފައިން ނެތުމުން އެކަން ބޮޑުވުންވެސް ހިއްސާކުރި އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުން ކައުންސިލްތަކަށް ނުވަތަ ޓާސްކްފޯސްތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ރައްޔިތުން ރައްކާތެރިކުރުމުގެ ފުރިހަމަ ބާރުވެރިކަން ނެތުމެވެ.