ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށްރަށުގައިި އަޅާފިޔަވަޅެއްގެ ގޮތުން މީހުން އެއްވެ އުޅުން މަނާކުރުމުގެ ބާރު ލޯކަލް ކައުންސިލްތަކަށް ދީފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭގަ ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކާ ހަވާލުކުރާ މަސައްކަތްތައް ބަޔާންކޮށް، އެކަން އާންމުކޮށްފަ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން، ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް މި މަހުގެ 15 ވަނަ ދުވަހުގެ ފަހުން، މާލެ ސަރަހައްދުން ރަށްތަކަށް ގޮސްފައިވާ އެންމެން 14 ދުވަހަށް އެކަހެރިވާން ވެސް ވަނީ އަންގައިފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ސިޓީތަކުގައި އެ އެންގުންތައް ތަންފީޒުކުރުމަށް، ވަކި ގޮތަކަށް އަންގަންދެން، ލޯކަލް ކައުންސިލްތަކުން ފިޔަވަޅުތަކެއް އެޅުމަށް ރޭ ވަނީ އަންގައިފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރާއި، ހާލަތަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި އެއްވެ އުޅުން ހުއްޓުވުމަށާއި އިޖުތިމާއި ގައިދުރުކަން ގާއިމުކުުރުމަށް އަޅަންޖެހޭ އެޅުމަށް ވަނީ އަންގައިފައެވެ.
އަދި ލޯކަލް ކައުންސިލްތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދުތަކުގައި ތިބި ބަޔަކު ކަރަންޓީނު ކުރަން ނުވަތަ އެކަހެރިކުރަން އެޗްޕީއޭއިން ނިންމައިިފިނަމަ، އެޗްޕީއޭއިން އެކަން އަންގާ ލިޔުންތައް ދޫކުރާނީ ވެސް ކައުންސިލްތަކުންކަމަ ށެވެ. އެފަދަ މީހުން ކަރަންޓީނުން ދޫކޮށްލިކަން އަންގައި އެޗްޕީއޭ އިން ދޫކުރާ ލިޔުން ވެސް އެމީހުންނާ ހަވާލުކުރާނީ ކައުންސިލްތަކުންނެވެ.
ގިނަ ރަށްރަށުގައި ކައުންސިލްތަކާއި ޓާސްކް ފޯސް އާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ޒަރޫރީ ބޭނުމެއް ނެތި ނިކުމެ އުޅުން މަނާކޮށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. ވިޔަފާރި ކުރާތަންތަނުގައި ވެސް ޑެލިވަރީގެ ހިދުމަތް ދޭގޮތަށް ފިހާރަތައް ވެސް ވަނީ ބަންދު ކޮށަފަ އެވެ.