twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް އެ ކޮލެޖްގެ ދަރިވަރުންގެ ޙާލު ބައްލަވައި ދަރިވަރުންނަށް ހިތްވަރު ދެއްވައިފި

ކޯސްފީ ދެއްކުމުގައި ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ދަރިވަރުންނަށް ދެވެން އޮތް ލުއިކަމެއް ދެއްވާނެ

Apr 22, 2020

ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުގެ ތެރެއިން އެންމެ ބޮޑު އެއްކޮލެޖްކަމުގައިވާ އެވިޑް ކޮލެޖްގެ ދަރިވަރުންގެ ޙާލު އެކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ބައްލަވާލައްވައިފި އެވެ.

އެވިޑް ކޮލެޖުން ހިންގާ ތަފާތު ކޯސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނާ މުސްތާޤް ބައްދަލުކުރެއްވީ ޒޫމް ކްލައުޑް ބޭނުންކުރައްވައިގެންނެވެ. އެކަންކުރިއަށް ގެންދެވީ ދެދުވަހަކަށް ބަހާލައްވައިގެންނެވެ. ކޮންމެ ދުވަހަކު ހެނދުނު 10 ން ފެށިގެން ރޭގަނޑު 10 އަށް، އެކި ކޯސްތަކުގައި ކިޔަވާދަރިވަރުންނަށް ވަގުތު ދެއްވަވައިގެން 20 އަދި 21 އެޕްރީލް މި ދެދުވަހުގައެވެ.

ދަރިވަރުންނާ ބައްދަލުކުރައްވަވާ ޗެއަރމަން މުސްތާޤް ވާހަކަ ދެއްކެވި ކަންތައްތަކުގެ ތެރޭގައި ހަލުވިކަމާއެކު ފެތުރެމުންގެންދާ ނުރައްކާތެރި ކޯވިޑް 19 ގެ ބަލިމަޑު ކަމުގެ ސަބަބުން ހުރިހާކަމެއްވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި އެވިޑް ކޮލެޖްގެ ދަރިވަރުންނާ ދަރިވަރުންގެ އައިލާތައް ތިއްބެވީ ކޮންފަދަ ހާލަތެއްގައިތޯ ބެއްލެވުމާ، ކޮލެޖެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް މިވަގުތުގައި ކޮށްދެއްވޭނީ ކޮންކަމެއްތޯއާއި، ކޯވިޑް 19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްލާންކުރެއްވި ހިސާބުން ފެށިގެން އެވިޑް ކޮލެޖްގައި ހިންގަމުންގެންދާ އޮންލައިން ކްލާސްތަކާބެހޭ ގޮތުން ކުދިންގެ ފީޑްބެކް އަމިއްލަފުޅަށް ހޯއްދެވުން ހިމެނޭކަމަށް އެވިޑް ކޮލެޖުން މަޢުލޫމާތު ދެއްވިއެވެ.

މި ބައްދަލުކުރުން ތަކުގައި ޗެއަރމަން މުސްތާޤް ދަރިވަރުންނާ ބައްދަލުކުރައްވައި ދަރިވަރުންނަށް ހިތްވަރު ދެއްވެވިއެވެ. ކަންކަމަށް މާބޮޑަށް ހާސްނުވުމަށާ ވަގުތުގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފުމަށާއި އިސްރާފްނުކުރުމަށާއި ލިބޭއެއްޗަކުން ފުއްދުމަށް މަސައްކަތްކުރުމަށާ ދީނީކަންކަމަށް ގިނަވަގުތުދީ އިސްކަން ދިނުމަށް ނަސޭހަތްތެރި ވެލެއްވެވި އެވެ.

މިފަދަ ދަނޑިވަޅެއްގައި ކޮލެޖްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޒޫމް ކްލައުޑް މެދުވެރިކޮށް ނަމަވެސް ދަރިވަރުންނާ ބައްދަލު ކުރެއްވުމުން، ދަރިވަރުންނަށް ލިބިފައިވާ މާޔޫސްކަމާ ބިރުވެރިކަމަށް ލުއިކަމެއް ލިބި ނުހަނު އުފާވިކަމަށާއި ދަރިވަރުންގެ ތެރެއިން ކޯވިޑް 19 ގެ ކަންކަމުގައި އެކިއެކި އޮފީސްތަކާއި އިދާރާތަކުން ފްރަންޓްލައިންގައި މަސައްކަތްކުރަމުންގެންދާ ދަރިވަރުންނަށް އިތުރު ހިއްވަރު ލިބިގެންދިޔަ އެވެ.

މިހާލަތުގައި ކޯސްފީ ދެއްކުމުގައި ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ދަރިވަރުންނަށް ދެވެން އޮތް ލުއިކަމެއް ދެއްވެވުމަށް އެވިޑް ކޮލެޖުން މަސައްކަތް ކުރަމުން ގެންދަވާކަމަށް މުސްތާޤް ވިދާޅުވިއެވެ. އަދި ފީ ދައްކަންޖެހޭ ދުވަހަށް ފީ ނުދެއްކުނުކަމުގައި ވިޔަސް މިދުވަސްކޮޅު އެއްވެސް ދަރިވަރެއްގެ އަތުން ޖޫރިމަނާގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.

އެވިޑް ކޮލެޖަކީ މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ސެޓްފިކެޓް ލެވެލުން ފެށިގެންގޮސް މާސްޓަރސް ލެވެލަށް ތަފާތު ދާއިރާތަކުން މަތީ ތަޢުލިމު ހާސިލްކުރަމުންގެންދާ ކޮލެޖެކެވެ. ދިވެހިރާއްޖޭގައި މާސްޓަރސް ލެވެލްގެ އެންމެ ގިނަ ކޯސްތައް ހިންގަނީ އެވިޑް ކޮލެޖްގައެވެ.

އެވިޑް ކޮލެޖުން ހާމަކުރެއްވިގޮތުގައި މިފެށޭ ސެމެސްޓަރގައި އެ ކޮލެޖުން ހިންގާ ކޯސްތަކުގެ ކިޔެވުން މެއި މަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވެއެވެ. އެކަމުގެ ތައްޔާރީތައް މިހާރުވަނީ މުޅިން ނިމިފައެވެ. އެހެން ނަމަވެސް ކޯހެއްގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތަތަކަށް އެފުރުޞަތު މިހާރުވެސް އެބައޮތެވެ.

އެވިޑް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އޮންލައިންކޮށް ފޯރމް ހުށަހެޅުމަށް އެކޮލެޖުން އެދިވަޑައިގަންނަވައެވެ. ކޯސްތަކުގެ މަޢުލޫމާތާއި އެހެނިހެން ޚިދްމަތްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އެވިޑް ކޮލެޖްގެ ހޮޓްލައިން 7803228 އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355