ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުނިޔޭގައި މީހުން މަރުވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. މިގޮތުން 8 މިލިއަން މީހުން އަހަރެއްގެ މައްޗަށް މަރުވާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
މިހާރު ބެލޭވޭގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާމިހާއަށް ކޮވިޑް-19 ޖެހިއްޖެނަމަ ދިމާވާ އުދަނގޫތައް މާބޮޑެވެ.
ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ބުނާގޮތުން ކުރިން ހެދިފައިވާ ކޮރޯނާ ވައިރަސްތަކުގެ ރީސާޗުތަކުން ދައްކާ ގޮތުގައި މީގެ ކުރިން ފެތުރުނު ކޮރޯނާގެ ވައިރަސްތައް ވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ޖެހުމުން ބަލި މާ ބޮޑުވާ ކަމަށެވެ.
ދުންފަތުގެ އިސްތިއުމަލު ކުރުމަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތައްވެސް ހަލާކުކޮށްލާކަމެވެ. އެހެންކަމުން މި މީހުންނަކީ ބެކްޓީރިއަލް ނިއުމޯނިޔާ ޓިއުބަކްލޯސިސް ޖެހުމުގެ ފުުރުސަތުވެސް ބޮޑެވެ. އަދި ދުންފަތުގެ އިސްތުމާލު ކުރާ މީހަކަށް އިންފުލުއެންޒާ ޖެހުމުގެ ފުރުސަތު ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހަކަށް ވުރެ ދެ ގުނަ ބޮޑެވެ.
ދެން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ދެން ވައިރަހަށް ހުށައެޅޭ ގޮތަކީ ރަނގަޅަށް އަތް ސާފުނުކޮށް ސިގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރާ އެހެނިގެން ތަކެތި މިސާލަކަށް ގުޑުގުޑާ، ވޭޕް ފަދަ ތަކެތި އަނގައަށް ލާއިރު އަތުގައި ކޮވިޑް ޖަރާސީމް ހުރެއްޖެ ހާލަތެއްގައި ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމާ، ކޮވިޑް-19 ޖެހުމާއި ގުޅޭގޮތުން މިހާތަނަށް ހެދުނު އެންމެ ބޮޑު ސާރވޭން ދައްކާ ގޮތުގައި ސިިގިރޭޓް ބޯ މީހެއްނަމަ ބޮޑެތި އަލާމާތްތައް ފެނުން 1.4 ގުނަ އިތުރު ކަމާށާއި އައިސީޔޫގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު 2.4 ގުނަ އިތުރު ކަމަށެވެ. އަދި ވެންޓިލޭޓަރަށް ލާންޖެހުން އަދި މަރުވާ ނިސްބަތް ސިގިރޭޓް ނުބޯ މީހުންނާއި އަޅާބަލާއިރު 2.4 ގުނަ އިތުރެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލި އަދި ކެންސަރަަށް މަގުފަހިކޮށްދޭން ކަމަކަށް ވުމުން މިއީވެސް ކޮރޯނާ ވައިރަސް ޖެހިއްޖެނަމަ ހާލު ބޮޑުވާން ދިމާވާ ސަބަބުތަކެވެ.
މި ހުރިހާ ސަބަބުތަކަށްޓަކައި ޑަބްލިއުއެޗްއޯއިން ވަނީ ދުންފަތުގެ އިސްތުމާލު ކުރުން ހުއްޓާލުމަށް އިލްތިމާސް ކޮށްފަ އެވެ.