ދުނިޔޭގެ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރައްޖޭގައިވެސް ފެތުރެން ފެށުމާއެކު މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަންގާ އެންގުންތަކާއި ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމަ އަމަލުކުރެއްވުމަށް ހއ ދިއްދޫ ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އިލްތިމާސް ކުރައްވައިފި އެވެ.
މެންބަރު ވަހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މި ނުރައްކާތެރި ބައްޔާގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުގައި ދިއްދޫ ދާއިރާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށާއި އަދި ހާއްސަކޮށް ވަޒީފާގެ ކަންކަމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެ މައުލޫމާތު ލިބެމުންދާކަމަށާއި އެ ކަންކަމުގައި މަޖިލީހުގެ ތެރެއިންނާއި ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.
އަދި މި ދަތި އުނދަގޫ ވަގުތު ރައްޔިތުންގެ ހާލަތު ގާތުން ބަލަމުންދާކަމާއި އަދި ހއ އަތޮޅު ހޮސްޕިޓަލާއި، އަތޮޅު ކައުންސިލް އަދި ދިއްދޫ ކައުންސިލްގެ އިތުރުން ރަށުގައި ގާއިމްކުރެވިފައިވާ ކޮވިޑް ޓާސްކްފޯހާއި ގުޅިގެން ރައްޔިތުންގެ ހައްގުގައި ކުރެވެން ހުރި މަސައްކަތްތައްވެސް ކުރަމުންދާ ކަމަށާއި ރައްޔިތުންނާއި ވަކިވަކި ފަރުދުންގެ ކަންބޮޑުވުންތަކާއި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދެއްވާ ހިދުމަތްތަކާއި އެހީތެރިކަން ކަށަވަރުކޮށްދިނުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ދިޔަވައި އެހެން ހަރަދުތައް ނުކުރުމަށާއި އެކަކު އަނެއްކަކަށް އަޅާލައި އޯގާތެރިވުމަށާޢި ކެތްތެރިކަން އިސްކޮށް އިސްލާމީ މަތިވެރި އުސޫލުތަކުގައި ހިފެހެއްޓުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.