ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބިރުވެރިކަން ރާއްޖެއަށް ކުރިމަތިވެ އަދި ހއ އަތޮޅުންވެސް ވައިރަހުގެ އަސަރު ފެނިފައިވާތީ ހއ. ދިއްދޫގައި މިއަދު ހަވީރު 18:00 ން ފެށިގެން 72 ގަޑިއިރުގެ ކާފިއުއެއް ހިންގުމަށް ދިއްދޫ ކޮވިޑް ޓާސްކް ފޯސްއިން ނިންމާ އެކަން އިއުލާނުކޮށްފި އެވެ.
އެކަން ހާމަކޮށް ދިއްދޫ ކައުންސިލުން ނެރުނު އިއުލާނުގައިވަނީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، އަދި ހއ އަތޮޅުގެ ބައެއްރަށްރަށުން ވެސް ވައިރަސް ފެނިފައިވުމާއެކު، ދިއްދޫގައި މި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ހަވީރު 06:00 ން އަންނަ އަދީއްތަ ދުވަހުގެ ހަވީރު 06:00 އަށް ދިއްދޫ ލޮކްޑައުން ކުރުމަށް ކޮވިޑް-19 ދިއްދޫ ޓާސްކްފޯސް އާއި އަތޮޅު ޓާސްކްފޯހާއި އަދި ހއ އަތޮޅު ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުން ހިމެނޭ ބައްދަލުވުމުން ދިއްދޫ ސައުންސިލަށް ލަފާދީފައިވާތީ ދިއްދޫ ލޮކްޑައުން ކުރާ ކަމަށެވެ.
ލޮކްޑައުންގެ ވަގުތުގައި ބޭރަށް ނުކުމެ އުޅެވޭނީ ސިފައިންނާ ފުލުންނަށް، ހޮސްޕިޓަލު މުވައްޒަފުންނަށް، ފެނަކަ މުވައްޒަފުންނަށް، ފާމަސީ ތަކުގައި މަސައްކަތްކުރާ ފަރާތްތައް، ދިއްދޫ ކޮވިޑް-19 ޓާސްކްފޯސް އަދި އެސްއެސްޑީގެ އޮފިސަލުންގެ އިތުރުން ޓާސްކްފޯސް އިން ފާސްދޫކޮށްފައިވާ ފަރާތްތަކަށެވެ. މި ނޫން ފަރާތްތަކުން ކާފިއު ވަގުތުގައި ބޭރަށް ނިކުތުމަކީ މާނާކަމެކެވެ.
ސަލާމަތާއި ރައްކާތެރިކަމަށް ކަމާއިބެހޭ ފަރާތް ތަކުން އަޅާ މިފަދަ ފިޔަވަޅުތަކަކީ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ކަމަށް ގަބޫލުކޮށް ބޯލަބާ ކިޔަމަން ތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކުޅުދުއްފުށީ ސިޓީގައިވެސް ދަނީ ތިން ދުވަހުގެ ކާފިއުއެއް އިއުލާނުކޮށް ހިންގަމުންނެވެ.