twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިސްރާފު ކުޑަކުރުމަށް ކައުންސިލުން މުހިންމު މެސެޖްތަކެއް

ނަބީލާ އިސްމާޢީލް
Apr 24, 2020
1

ކޮވިޑް-19 ގެ ނުރައްކާތެރި ބިޔަ ރާޅު އެތައް ގޮތަކުން މިދަނީ އަހަރެމެން އިންސާނުން އިމްތިހާނުކުރަމުންނެވެ. މި ބިޔަ ރާޅު އެންމެ ފުރަތަމަ ބިންދާލީ އަހަރެމެންގެ އިގްތިސޯދީ މައި ނާރުކަމުގައިވާ ޓޫރިޒަމް އިންޑަސްޓްރީ އަށެވެ. ރިސޯޓް ފަހަރުގައި މަސައްކަތް ކުރާ ފަރާތްތަކުން ނޫން ކަމުގައިވިޔަސް ގިނަ މީހުންގެ ދިރިއުޅުމާއި ގުޅިފައިވަނީ ޓޫރިޒަމްއާ އެވެ. ނަމަވެސް މި އިންޑަސްޓްރީ ހުއްޓުމަކަށް އައިސް ކުރިމަތިލާން ޖެހިފައިމިވަނީ ވަރަށް ހިތްދަތި ދުވަސްތަކަކަށެވެ.

ދިވެހިންގެ ތެރޭގައިވެސް އޮތް އިންތިހާ އިސްރާފުކުރުމާއި ކުރިން އުޅެމުންދިޔަ "މިނިވަން" ދިރިއުޅުން މިވަނީ އިލާހީ ގާނޫނު ހުއްޓުވާލަދީ އިންސާނާއަށް އޭނާގެ އަސްލު ނިކަމެތިކަން ބަޔާން ކޮށްދީފައި އެވެ. މުޅި ދުނިޔެ ޒަރޫރީ ތަކެއްޗަށް ބޭނުންވެފައިމިވާ ދަނޑިވަޅުގައި އެންމެ މުހިންމު އެއްކަމަކީ އިސްރާފުނުކުރުމެވެ. ކާބޯތަކެއްޗާއި ކަރަންޓާއި އެހެނިހެން ތަކެތިވެސް ބޭނުންކުރުމުގައި ވީހާވެސް މަދުކޮށް، ފަހުން ބޭނުންކުރެވޭނެ ގޮތް ހެދުމެވެ. އެކަން ހަނދާންކޮށްދީ ކުޅުދުއްފުށީ ކައުންސިލުން ދަނީ މުހިންމު ޕޯސްޓްތަކެއް ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ.

އެހެންކަމުން ވީހާވެސް މަދުން ކެއިން ބުއިމުގެ ތަކެތި ތައްޔާރުކޮށް އިސްރާފުކުރުން ހަމަ އެއްކޮށް ހުއްޓާލަން ޖެހެއެވެ. އިސްރާފު ކުރުމުގެ ނުބައި އާދަ ހުއްޓުވުމަކީ އަހަރެމެންގެ މާތް ވެގެންވާ އިސްލާމްދީނުގައިވެސް ނުހަނު ބޮޑަށް ބާރުއަޅާ ކަމެއްކެވެ.

ކެއުމަށް ތައްޔާރުކުރާ ތަކެތި ބާކީވެއްޖެނަމަ އެ އެއްޗެއް އުކާލުމުގެ ބަދަލުގައި ރައްކާކުރުމަށްފަހު އެހެން އެއްޗެއް ތައްޔާރު ކުރުމަށް ނުވަތަ ދެވަނަ ފަހަރަށް ބޭނުންކުރުމަކީ ކާބޯތަކެތި ލިބުމުގެ ދަތިކަން ކުރިމަތިވަމުންދާ މިދަނޑިވަޅުގައި ކުރުން ވަރަށް މުހިންމު ކަމެކެވެ.

ކުރިމަތިވާނެ ދުވަސްތައް ނުވަތަ ހާލަތެއް ނޭގޭ މިހާލަތުގައި ފުޅީގައި ބަންދުކުރި ފެން ބޭނުންކުރާ ފަރާތްތަކުންވެސް އެމްޑަބްލިއުއެސްސީ އިސްކުރު ފެނަކީ ބުއިމަށް ރައްކާތެރި ފެން ކަމުން އެ ފެން ބޭނުންކުރުމަށް އަހުލުވެރިކުރުމަކީ ކުރެވޭ ވަރަށް ބުއްދިވެރި ކަމަކަށެވެ.

މާލެ ލޮކް ޑައުންކުރުމާއިގުޅިގެން މާލެ ދަތުރުކުރާ ބޯޓުފަހަރު މާލެ ދެވުނު ކަމުގައިވިއަސް ހަނޑޫ ފަދަތަކެއްތަކީ ބޭރުގައުމުތަކަށް ބަރޯސާވެފައި އޮންނަ އެއްޗެހިކަމުން ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމަށް ކުރިޔާލައި ވިސްނާ، މި ދަނޑިވަޅުގައި ބަތް ބާކީ ވެއްޖެނަމަ އުކާލުމުގެ ބަދަލުގައި ފުރިޖުގައި ރައްކާކޮށް ފަހުން ބޭނުން ކުރުން މުހިންމު ކަމެކެވެ.

ހަމަ އެހެންމެ ގޮދަންފުއް ލިބުމަށް ދަތި މި ދަނޑިވަޅުގައި ބާކީވާ ރޮށި އުކާލުމުގެ ބަދަލުގައި މުރަނަކޮށް ފަހުން ބޭނުންކޮށްލެވިދާނެ އެވެ. އަދި ފާން ފަދަ ތަކެއްޗަކީވެސް އަވަނަށް ލުމަށްފަހު މިގޮތަށް މުރަނަ ކޮށްލައިގެން ފަހުން ބޭނުންކޮށްލަން ރައްކާ ކުރެވިދާނެ އެއްޗެއްކަން ކައުންސިލުން ވަނީ ހަނދާންކޮށްދީފައި އެވެ.

މީގެ އިތުރުން ގޯތިތެރޭގައި މޭވާ، ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް ހެއްދުމުގެ މަގު ތަނަވަސްވެފައިވާ ފަރާތް ތަކުން ލޮކްޑައުންގެ ހާލަތުގައި ގޭގައި ތިބެގެން މިމަސައްކަތްކޮށް ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުން މުހިންމެވެ. އަދި ކަރަންޓު ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތީގެ ހަރަދުކުޑަ ކުރުން ފަދަ މުހިންމު މެސެޖުތަކުން ކައުންސިލްގެ ސޯޝަލް މީޑިއާ ވަނީ ފުރާލާފަ އެވެ. މި ޕޯސްޓްތަކަށް ގިނަ ބަޔަކު ރީޓްވީޓްކޮށްފައިވާއިރު މިނިސްޓަރުންނާއި ސަރުކާރުން އެކި މަގާމުތަކުގައި ތިބި ވެރިންނާއި ކައުންސިލްތައްވެސް މި މެސެޖްތައް ފޯރުކޮށްދިނުމަށް އަންނަނީ ރީޓްވީޓްކުރަމުންނެވެ.

މި މުހިންމު މަސައްކަތްކުރަމުންދަނީ ކުޅުދުއްފުށީގެ އާޓިސްޓެއްކަމަށްވާ މުސްތަފާ މުހައްމަދުގެ އެހީތެރިކަމާއެކު ކުރާ ކަމެކެވެ. އޭނާ މިމަސައްކަތްކޮށްދެނީ ހިލޭ ސާބަހަށެވެ. ކައުންސިލުން ދެނީ ލިޔާނެ މެސެޖެވެ. އެހެން ހުރިހާ ކަމެއް ކުރަނީ މުސްތަފާކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިދަނޑިވަޅުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ކައުންސިލަށް ލިބެމުންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355