ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް ހަމަޖައްސާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ. އެކައުންސިލް ނެރުނު އިއުލާނުގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު ޒަކާތް އެކައުންސިލުން ބަލައިގަންނަ ހަމަޖައްސާފައިވަނީ ބެންކް ޓްރާސްފަރ މެދުވެރިކޮށް އެކަނި ކަމަށެވެ.
އިއުލާނު ބުނެފައިވަނީ ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާއި ގުޅިގެން މިއަހަރު ރަމަޟާންމަހު ރަސްމީކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަނި ކަމަށެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 03 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި އެ ކައުންސިލުން ބުނެ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރު ކަމަށާއި ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކަށް ބަލައިގެންކަމުގައެވެ. އަދި ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.
ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތް ދެއްކުމަށް ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 004 700294 7706 (ހަރަދު އެކައުންޓް 2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރުމަށްފަހު 7318831 އަށް ސްލިޕްކޮޅު ވައިބަރ ކުރުމަށެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ރިމާރކްސްގައި ގޭގެ ނަމާއި މީހުންގެ އަދަދު އަދި ބާވަތް ( އާދައިގެ ހަނޑޫ، ހުދު ހަނޑޫ، ބާސްމަތީ، އާޓާފުއް، ގޮދަންފުއް، ރަތް ހަނޑޫ) މިއިން ބާވަތެއްގެ ނަން ޖަހަން ވާނެ ކަމުގައި އިއުލާންގައި ހާމަކޮށްފައި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީގައިިވަނީ މީހުން އެއްވެ އުޅުން މަނާކޮށް، މި މަހުގެ ނިޔަލަށް ކާފިއު ވެސް އިއުލާނުކޮށްފަ އެވެ.