twitterviber whatsapp telegramfacebookyoutube instagram
20th April 2024

މި ހާލަތުގައި މާލެއިން ބޭރަށް ދިއުމަކީ ކޮށްގެންވާނެ ކަމެއްނޫން: އަމީން

- ކުރު މުއްދަތައް މާލެގޮސް ތާށިވެފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި
- މިފަދަ ފަރާތެއް ހުރިނަމަ 3328393 ގުޅައި ހިއްސާކުރުމަށް އެދޭ

ނަބީލާ އިސްމާޢީލް
Apr 26, 2020

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާ މި ހާލަތުގައި މާލެއިން ބޭރަށް ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އިއްޔެ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކުރު މުއްދަތަކަށް މާލެއަށް ޒިޔާރަތްކޮށް އެކި ސަބަބުތަކާހުރެ ތާށިވެފައި ތިބި ވަރަށް ގިނަ ފަރާތްތައް އެބަތިބި ކަމަށާއި، ނަމަވެސް މިވަގުތު އެންމެ އިސް ވާޖިބަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުން ކަމަށެވެ.

އަމީން ވިދާޅުވީ، މި ހާލަތުގައި މާލެ އިން ފުރައިގެން ރަށަަކަށް ދާން ޖެހޭނީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށާއި މާލެ އަށް އައީ ކުޑަވަގުތުކޮޅަކަށް ކަމަށް ވިޔަސް މާލޭގައި ހޭދަވި ވަގުތުގެ ތެރޭގައި ބައްދަލުވީ މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ނުހިމެނޭކަން މިހާރު ކަށަވަރު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެއިން ކޮމިއުނިޓީ ސްޕްރެޑެއް ފެނިފައިވާއިރު މިވަގުތު މާލޭގައި ތިބި ހުރިހާ ރައްޔިތުންނަކީ ވެސް ބަލި ޖެހުމުގެ ފުރުސަތު ނުވަތަ ނުރައްކާ ބޮޑު ބައެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިވަގުތު މާލޭގައި ތިބި އެންމެންވެސް ތިބީ "ރިސްކް ބޮޑު" މީހުންގެ ލިސްޓުގައި ކަމަށެވެ.

އޭގެ އިތުރުން، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި، ލޮކްޑައުންގެ ހާލަތު އާންމު ހާލަތަކަށް ބަދަލުކުރެވެން މިވަގުތު ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު ރަށްރަށުންނާއި ރިސޯޓުތަކުން މާލެ އައި ވަރަށް ގިނަ ފަރާތްތައް މާލޭގައި ތާށިވެފައިވެ އެވެ. އެގޮތުން ބައެއް ފަރާތްތައް ބޮޑެތި ހަރަދުތައް ކޮށްގެން މާލޭގައި މަޑުކުރަން މަޖުބޫރުވެފައިވާއިރު، އެފަދަ ފަރާތްތަަކަށް ސަރުކާރުން ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒްވެސް ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355