twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވަސްބެލުމާއި ރަހަބެލުމުގެ ހިއްސު ގެއްލުމަކީވެސް ކޮވިޑް 19 ގެ އަލާމާތަކަށް ވެދާނެ

Apr 27, 2020

ލިޔުނީ: ސީމާ ޙަސަން

އަރިދަފުސް ރޯގާޖެހޭ ހިނދު ނޭފަތްބެދި ވަސްބެލުމުގެ ހިއްސުގެއްލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ތަޖުރިބާ ކޮށްފައިވާނޭ ކަމެކެވެ. އެކަމަކު އަޅުގަނޑުމެންނަށް ޤަބޫލުކުރަން ދަތިވިޔަސް ކޮވިޑް 19 ގެ ސަބަބުން ބައެއް ހާލަތްތަކުގައި ނޭފަތް ނުބެދިވެސް ވަސްބެލުމުގެ ހިއްސު ގެއްލިގެން ދެއެވެ. މިއީ އާދައިގެ އަރިދަފުސް ރޯގާއާއި ކޮވިޑް 19 އާއި ދެމެދު ހުރި ވަރަށް ފާހަގަކޮށްލެވޭ ތަފާތެކެވެ. އެހެންކަމުން މިއަލާމާތުގެ ވާހަކަ ސައިންސްވެރިންނާއި އާންމުންގެ ތެރޭގައި ދަނީ ވަރަށް ފުޅާކޮށް ދެކެވެމުންނެވެ. އެހެނީ ބަލިމީހާގެ ނޭފަތް ބެދުމަކާއި ނުލައި ވަސްބެލުމުގެ ހިއްސުގެއްލުމަކީ އޭނާއަށް ކޮވިޑް 19 ޖެހިފައިވާކަން އަންގައިދޭ ފުރަތަމަ އަލާމާތްކަމަށް ވެދާނެއެވެ.

ފަހަކަށް އައިސް ކޮވިޑް 19 އަށް ޕޮސިޓިވްވާ ގިނަބަޔަކު ވަސްބެލުމާއި ރަހަބެލުމުގެ ހިއްސު ގެއްލިގެންދާކަމަށް ރިޕޯޓްކުރެއެވެ. އެހެންކަމުން ކޮވިޑް 19 އަށް ސްކްރީން ކުރުމުގައި މިދެއަލާމާތް ހިމެނުމަށް ސައެންސްވެރިންދަނީ ގޮވާލަމުންނެވެ. އެހެނީ ވަރަށް ގިނަފަހަރަށް އެއްވެސް އަލާމާތެއް ނެތް މީހަކުވެސް ކޮވިޑް 19 އަށް ޕޮސިޓިވްވާ ޚަބަރު ލިބެއެވެ. އެކަމަކު އެއްވެސް އަލާމާތެއް ނެތްކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ ވަސްނުދުވުން ފަދަ އާންމުގޮތެއްގައި މީހުންނަށް އެހާބޮޑަށް ސަމާލުކަން ނުދެވޭ ކަންކަމާމެދު ސުވާލުނުކުރެވޭތީ ކަމަށްވުން އެކަށީގެންވެއެވެ. އެހެނީ ތިމާއަށް އެކިއެއްޗެހީގެ ވަސް ނުދުވާކަން ނުވަތަ ވަސްދުވުން ކުރިޔަށްވުރެ މަޑުކަން ހުދު ބަލިމީހާއަށްވެސް ފާހަގަނުކުރެވި ހުރެދާނެ އެވެ. އެހެންކަމުން އެފަދަ ޢަލާމާތެއް ބަލިމީހާގެ ކިބައިގައި ހުރިކަމުގައި ވިއަސް ސްކްރީން ކުރުމުގެ ތެރޭގައި އެސުވާލު ނުކުރެވޭނަމަ ބަލިމީހާ ކޮވިޑް 19 އަށް ޕޮސިޓިވްވީ އެއްވެސް ޢަލާމާތެއް ނެތިކަމަށް ބެލެވިދާނެއެވެ. އެހެންކަމުން ކޮވިޑް 19 އަށް ޝައްކުކުރެވޭ މީހުންނާއި ސުވާލުކުރެވޭއިރު ވަސްބެލުމާއި ރަހަބެލުމުގެ ހިއްޞާއިބެހޭގޮތުން ސުވާލުކުރުމަކީ މުހިއްމުކަމެއް ކަމުގައި ޤަބޫލުކުރެވެ އެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަން (ސީޑީސީ) އިން މިހާރުވަނީ ވަސްބެލުމާއި ރަހަބެލުމުގެ ހިއްސު ގެއްލުމަކީ ކޮވިޑް 19ގެ އަލާމާތެއްކަމުގައި ހިމަނާފަ އެވެ. އެމެރިކަން އެކެޑަމީ އޮފް އޮޓޯލެރިންޖިއޯލޮޖީގެ ނައިބު ރައީސް އަދި ސީއީއޯ ޖޭމްސް ސީ ޑެންނީ ވިދާޅުވެފައިވާ ގޮތުގައި މިއީ ބަލީގެ ފުރަތަމަކޮޅުގައި ދިމާވާ އަލާމާތަކަށް ވުން އެކަށީގެންވެއެވެ. އަދި މިޢަލާމާތް ހުރިތޯ ބެލުމަކީ ހަމަކުރުން އެންމެ ރަނގަޅުކަމެކެވެ. އެހެނީ އެޢަލާމާތް ހުރިތޯ ބެލުމަށް ބަލިމީހާއަށް ގެއްލުންވާފަދަ އެއްވެސް ޓެސްޓެއް ކުރާކަށް ނުޖެހެއެވެ. އިނގިރޭސިވިލާތުގެ ރިނޯލޮޖިކަލް ސޮސައިޓީގެ ރައީސް ކްލެއާރ ހޮޕްކިންގްސް ވެސް މިކަމާއި އެއްބަސްވެ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ބަލިމީހާގެ ނޭފަތްބެދުމަކާއި ނުލައި ވަހާއި ރަހައިގެ ޙިއްސު ގެއްލުމަކީ ކޮވިޑް 19 އަށް ވަރަށް ބޮޑަށް ޝައްކުކުރެެވެން ވާނެކަމެކެވެ.

ޔުނިވަރސިޓީ އޮފް ކެލިފޯނިޔާ އެންޑް ސޭންޑިއޭގޯގައި ހެދި ސްޓަޑީއަކުން ދައްކާގޮތުގައި ވަސްބެލުމާއި ރަހަބެލުމުގެ ހިއްސުގެއްލިއްޖެނަމަ އެކަން އެއީ އެހެން ބައްޔެއްގެ ޢަލާމާތަކަށް ވުމަށްވުރެ ކޮވިޑް 19ގެ އަލާމާތަކަށް ވުމުގެ ފުރުޞަތު ދިހަ ގުނައިތުރެވެ. އެ ސްޓަޑީގެ ބަޔާނުގައި ވާގޮތުން ކޮވިޑް 19ގެ އެންމެ ޢާންމު އަލާމާތަކީ ހުން އައުން ކަމުގައި ވިއަސް ވަރުބަލިކަމާއި ރަހައާއި ވަހުގެ ހިއްޞު ގެއްލުމަކީވެސް ބަލީގެ ކުރީކޮޅުގައި ވަރަށް އާންމުކޮށް ފެންނަ ޢަލާމާތްތަކެކެވެ.

މިދެހިއްސު ގެއްލުން މިއީ ރޯގާ ޖައްސާ އެހެން ބައެއް ވައިރަސްވެސް ކުރާކަމަކަށް ވިޔަސް ކޮވިޑް 19 ގެ ސަބަބުން މިދެހިއްސު ގެއްލިފަ އަނބުރާއައުން އެހެން ރޯގާތަކާ އަޅާބަލާއިރު އަވަސްކަމަށްވެސް އޭނާގެ ރިސާޗުން ފާހަގަކުރެވުނެވެ.

ކޮވިޑް 19 އަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔަކަށްވުމާއިއެކު، މިއަލާމާތް ކުރީބައިގައި ދެނެގަނެ، މިފަދަ މީހުން މިބައްޔަށް ޓެސްޓުކޮށް، އެމީހުން އެކަހެރިކުރުމަކީ، މިބަލިފެތުރުނަ ނުދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއެވެ. ޔެންގެ މިރިޕޯޓާއި އެހެންފަރާތްތަކުގެ ރިސާޗުތަކަށް ބެލުމަށްފަހު މިހާރު ޔޫސީ ސެންޑިއޭގޯގެ ހެލްތު ސިސްޓަމަށް ގުޅާ ފަރާތްތަކަށް މިއަލާމާތް ހުރިތޯބަލާ ޗެކްކުރަން ވަނީ ފަށައިފަ އެވެ.

ގިނަ ރިސާޗުތަކަކުން މިއަލާމާތްމީ ކަންބޮޑުވާންވީ އަލާމާތެއްކަމަށް ހެކިދައްކަމުން ދާއިރު އަދި ގިނަ ބަޔަކު މިދެއަލާމާތް ރިޕޯޓުކުރަމުން އަންނައިރު ، ހުރިހާ ބޭފުޅުންވެސް މިކަމަށް ހޭލުންތެރިވެތިބެ، އަންގަންޖެހޭ ފަރާތްތަކަށް އެންގުމަކީ ފަރުދީ ޒިންމާއެއް ކަމަށް ޤަބޫލުކުރެވެއެވެ.

މަސްދަރު: މެޑް އެސްކޭޕް

އެޑިޓަރުގެ ނޯޓް: ސީމާ ޙަސަން އަކީ މެޑިސިންގ ދާއިރާއިން މަތީ ތަޢުލީމު ހާޞިލް ކުރަމުންއަންނަ ކުޅުދުއްފުއްޓަށް ނިސްބަތްވާ ދަރިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355