އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަން ވަރަށް މުހިއްމު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޮޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖުގައި ހަމީދު ވިދާޅުވީ މިނިވަން މީޑިއާގެ އަސާސްތައް ކުރިއަރުވައި ފުލުހުންނާއި މީޑިއާތަކާ އޮންނަ ގުޅުން މިހާރަށް ވުރެ ރަނގަޅުކުރާނެ ކަމަށާއި އަމާން މުސްތަގުބަލަކަށާއި އިންސާފާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ނޫސްވެރިކަމުގެ މިނިވަން ވަރަށް މުހިއްމު ކަމަށެވެ.
އޭނާ ވަނީ، ކަށަވަރު އަދި ސައިންޓިފިކް މައުލޫމާތުތާ އެކު ކަންކަން ރަނގަޅަށް އޮޅުންފިލާފައިވާ މުޖުތަމައުއެއް ބިނާކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކަށާއި ހިތްވަރާއެކު ގައުމަށް ހިދުމަތް ކުރުމުގައި ދެމިތިބި ނޫސްވެރިންނަށް ޝުކުރާއި އިހުތިރާމު އަދާކުރައްވައިފަވެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މިއަދުގެ ޝިއާރަކީ ވަކި ކޮޅަކަށް ނުޖެހި ބިރަކާ ނުލައި ނޫސްވެރިކަން ކުރުމެވެ.