ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާލެއިން ބޭރަށް ބަދަލުކޮށް ބައެއް ބިދޭސީން ފުރުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގެ އެހެން ރަށްރަށުގައި ދިރިއުޅޭ ބިދޭސީންވެސް ފޮނުވާލުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް އެންއީއޯސީ ބުނެފި އެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކާއި ބޮޑެތި ސިޓީތަކުގައި ތޮއްޖެހިގެން އުޅޭ ބިދޭސީން ގެންދިއުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މިއަދު ގައުމާ މުހާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކޮވިޑް-19 އެންމެ ބޮޑަށް އެންމެ ބޮޑަށް ފެތުރިފައިވަނީ އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައިކަން ފާހަގަކޮށް ގަވައިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީން މާލެއިން ބޭރަށް އެހެން ފެސިލިޓީތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގައި ގަވައިދާ ހިލަފަށް އުޅޭ 3000 ބިދޭސީން މާލެއިން ބޭރަށް ބަދަލުކޮށް، 1500 ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މިހާތަނަށް 541 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 356 ބިދޭސީންނެވެ.