twitterviber whatsapp telegramfacebookyoutube instagram
30th April 2024

އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނު އަންނަ އަހަރުގެ މެއި، ޖޫންގައި ބޭއްވުމަށް މަޝްވަރާކުރަނީ

May 11, 2020

އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާން، އަންނަ އަހަރުގެ މެއި، ޖޫންގައި ބާއްވަން މަޝްވަރާކުރަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތައް ބަންދުކުރެވިފައިވުމާއެކު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ އެ އިމްތިހާނުތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އޭޕްރިލް 30 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުވެފައިވާ ދުވަސްވަރުގައި ކިޔެވުން ކުރިޔަށް ގެންދާނޭ ގޮތަކާ މެދުވެސް މަޝްވަރާކުރައްވާފައެވެ. އަންނަ އޮކްޓޯބަރު، ނޮވެމްބަރު ގައި ބާއްވަން ހަމަޖައްސާފައިވާ އޯ ލެވެލް އިމްތިހާނު ވެސް އަންނަ އަހަރުގެ މެއި، ޖޫން އިންޓޭކުގައި ބާއްވަން، ކެމްބްރިޖާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުގައި ސިލަބަސް ނިންމައި އިމްތިހާނަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު އެ ދުވަސްވަރު ނުބާއްވަން ހަމަޖެއްސީ ކަމަށް ބުންޏެވެ.

އޯ ލެވެލްގެ އިތުރުން މި މަހު ފަށަން ހަމަޖައްސާފައި އޮތް އޭ ލެވެލް އިމްތިހާނު ވެސް ވަނީ، އަންނަ އޮކްޓޯބަރު، ނޮވެމްބަރަށް ފަސްކޮށްފަ އެވެ. ނަމަވެސް އެ ދަރިވަރުންގެ އިމްތިހާނު ބާއްވަން ހަމަޖައްސާފައިވާ ތާރީހަށް އިތުރު ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355