އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭތޯ ސުވާލުކުރައްވައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބުދުﷲ( މޮސްޓާ) ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ރާއްޖޭގެ ދެ ވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްނުކުރެވޭތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދަނިކޮށް އެ ހޮސްޕިޓަލުގައި މިމަހުގެ ނިޔަލަށް ކޮވިޑަށް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ސަރުކާރުން މިއަދު ވަނީ އިއުލާނުކޮށްފައި އެވެ.
އެކަމަށް އިޝާރާތްކުރައްވަމުން މެމްބަރު މޮސްޓާ ވިދާޅުވީ، އައްޑޫގައި ޓެސްޓްނުކުރެވޭކަމަށް ބުނާއިރު މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަކި ޓެސްޓް ހެދޭތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.
" އަދިވެސް (ކުޅުދުއްފުށީ) ބޮޑު މުހައްމަދަށް ފަހު ތިލަދުންމަތި ބާކީ ކުރުން ނުހުއްޓޭ. ވަކި ސަރުކާރެއް ނެތް ހަމަ މިކަމުގައި. އެންމެން އެއްވަރު." މިނިވަން މެމްބަރު މޮސްޓާ ވިދާޅުވި އެވެ.
މޮސްޓާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، އައްޑޫއަށް ފުލައިޓްތަކުގައި 50 އަދި 30 ހުން މީހުން ގެންދާއިރު ތިލަދުންމަތީގެ މަޖިލިސް މެމްބަރުން ސަރުކާރު ވެގެން މިކުރަނީ ކީއްތޯ އޭނާ ވަނީ ސުވާލުކުރައްވާފައި އެވެ.
Addu in test nukurevay kamah bunaa iru Male' fiyava emme gina bayaku hidhumaih hoadhaa @KRHmv gai vaki test hedhey tho... adhives bodu mohammad ah fahu thiladhunmathi baakee kurun nuhuttey... vaki sarukaaru eh neh hama mikamuga emmen evvaru...
— Mohamed Nasheed Abdulla (@MNA_MosTaaA) May 12, 2020
އަދި ތިލަދުންމަތީގެ މަޖިލިސް ގޮނޑިތަކުގެ ތެރެއިން އެމްޑީޕީއަށް ހަމައެކަނި ނުލިބެނީ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެކަނިކަން ފާހަގަކުރައްވަމުން އޭނާ އަނެއްކާވެސް ކުރައްވާފައިވަނީ ސުވާލެކެވެ.
"އެހެންވެ ބާ ކަރަންޓީނުކޮށްލާނެ ތަނެއްވެސް ހދ އަތޮޅުގައި ނެތީ." މެމްބަރު މޮސްޓާ ލިޔުއްވާފައިވެ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.