ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް އޯޑަރު ކޮށްފައިވާ އާ މެޝިނަރީތައް ލިބުމުން ޓެސްޓިން ކެޕޭސިޓީ 1000އަށް ވުރެ މަތިވާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އަލަށް ގެންނަން މަސައްކަތް ކުރަނީ އޮޓޮމޭޓެޑް މެޝިންތަކެއް ކަަމަށާއި އެ މެޝިންތައް އޮޕަރޭޓް ކުރަން ޓެކްނީޝަނުން ބޭނުންވާ މިންވަރު މަދުވެފައި ގިނަ ސާމްޕަލް ޓެސްޓް ކުރެވޭނެ ކަމަށެވެ.
ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ޓެސްޓު ކުރެވެނީ 400 ސާމްޕަލެވެ. މި އަދަދު 600އަށް އިތުރު ކުރަން ބޭނުންވާ މެޝިންތައް މި މަހުގެ 16 ހިސާބުގައި ލިބޭނެ ކަމަށް މަބްރޫކް ވަނީ ލަފާކުރައްވާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެސްޓް ކުރުމުގެ ގާބިލުކަން އިތުރުކުރަން ރާއްޖެއިން ކުރިއްސުރެ ކުރަމުން އަންނަ އަނެއް މަސައްކަތަކީ އަތޮޅުތަކުގައި މިހާރުވެސް ހުރި ޖީން އެކްސްޕާޓް މެޝިންތަަކަށް ލައްވާ ކާޓްރިޖް ތަކެއް ހޯދުމެވެ. އެ މެޝިންތަކަކީ ޓީބީ ފަދަ ބަލިތަކަށް ޓެސްޓްކުރަން ބޭނުންކުރާ މެޝިންތަކެކެވެ. އެކަމަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މަސައްކަތް ކުރަމުން އަންނަނީ އެ މެޝިންތަައް ބޭނުންކޮށްގެން ކޮވިޑް-19 އަށް ޓެސްޓް ކުރެވެ ކާޓްރިޖްތަކެއް އީޖާދު ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖް ލިބޭނެ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެ ކާޓްރިޖްތައް ބޭނުންކޮށްގެން ޓެސްޓްކުރާނީ އޭނާ ވިދާޅުވި ގޮތުގައި ހދ.ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ލ. ގަމާއި ގދ. ތިނަދޫގެ އިތުރުން އައްޑޫގަ އެވެ.
މިހާރުވެސް ސަރުކާރުން އެކި ޤައުމުތަކާއި ކުންފުނިތަކާ ގުޅިގެން ގިނަ އަދަދެއްގެ ޓެސްޓް ކިޓް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންންވެ.